"ވެރިކަން ހިންގަނީ ވެސް އެ ރަށުގަ އެވެ. މިހިރަ ސަބަބުތަކާ ހެދި އެންމެ ގިނަ މީހުން އުޅެނީ ވެސް މާލޭގަ އެވެ. އެކަމަކު ސިއްހަތު އެންމެ ނެތް، ބަލިތައް ގިނަ ރަށަކީ ވެސް އެ އެވެ. މިކަމުގެ ސަބަބެއްކަމުގައި ފެންނަނީ އެންމެ އިހު ޒަމާނުން ފެށިގެން ރަސްކަލުން އެ ރަށުގައި ތިއްބެވުމާއި މީހުން ގިނަވުމުގެ ސަބަބުން ނުހަނު ގިނަ އަދަދެއްގެ މީހުން އެ ރަށުގައި މަރުވުމެވެ. އެ އެންމެން ވަޅުލަނީ ވެސް ހަމަ އެ ރަށުގަ އެވެ. އެހެންވީމާ އެ ކުޑަކުޑަ މާލޭގެ ބިން ވަނީ ގަބުރުން ފުރިފަ އެވެ. މިހެން އޮއްވާ އިރުގެ ގަދަ ހޫނާއެކު އަވި އެތަނަށް އެޅުމުން އެ ބިމުން އަރަނީ ނުބައި އާތްވެކެވެ. އޭގެ އިތުރަށް އެބިމުގެ ފެނަކީ ތަޣައްޔަރު ވެފައިވާ ނުބައި ފެނެކެވެ."

މި ލިއުމުގައި މިވަނީ ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގެ ވާހަކަ އެވެ. ލިއުން ލިޔެފައި ވަނީ މިހާރަކު ނޫނެވެ. މީގެ 400 ވަރަކަށް އަހަރު ކުރީންނެވެ. ރާއްޖޭގެ ތަޚުތުގައި އިބްރާހިމް ކަލާފާނު ރެދަލި ކުރެއްވި ދުވަސްވަރު ރާއްޖެއަށް އުރުނު ނަވަކުން އައި ފަރަންސޭސި ލިއުންތެރިޔާ ޕިރާޑް ޑީ ލަވާލް ލިޔެފައިވާ އެ ލިއުން މިހާރުގެ މާލޭ ސިޓީގެ ހާލަތު ސިފަކޮށްދިނުމަށް ފުދެނީ ކިހާ ވަރަކަށް ހެއްޔެވެ؟

ޕިރާޑުގެ ދުވަސްވަރު މާލޭގެ ސައިޒަކީ ގާތްގަނޑަކަށް 1.7 ކިލޯ މީޓަރެވެ. އާބާދީ އަންދާޒާ ކުރެވެނީ ދެހާހާއި ތިން ހާހާ ދެމެދުގެ މިންވަރަކަށެވެ. އެ ދުވަސްވަރު ވެސް ފުރި ބާރުވެ، ފެން ތަޣައްޔަރުވެ، ރޯގާ ބަލި މަޑުކަން ގިނަ ރަށެއްގެ ގޮތުގައި ސިފަކުރި މާލެ މިއަދު ވަނީ އެތައް ގޮތަކުން ބަދަލުވެފަ އެވެ.

މިއަދު ރާއްޖޭގެ ވެރި ރަށް މާލެ ވަނީ ޕިރާޑު ދުށް މާލެއަށް ވުރެ ދެގުނަ ބޮޑު ކޮށްފަ އެވެ. އޭގެ އިތުރުން ގާތްގަނޑަކަށް މާލެ ވަރުގެ ރަށެއް ހުޅުމާލޭގެ ނަމުގައި އުފަންކޮށް މާލެއާ ގުޅުވާލައިފަ އެވެ. ބޮޑުވި މިންވަރަށް ބަލާއިރު އާބާދީ ވެސް ވަނީ ބޮޑު ތަނުން އިތުރު ވެފަ އެވެ. މިހާރުގެ އާބާދީ ގާތްގަނޑާކަށް 3 ލައްކައަށް ވުރެ މަތިވެފައިވާއިރު ހަގީގަތުގައި ހާލަތު އޮތީ ޕިރާޑުގެ ދުވަސްވަރު ވެސް ހުރި ގޮތަށެވެ. ތަޣައްޔަރު ވެފައިވާ ފެނެވެ. ރޯގާ ބަލިމަޑުކަން ފެތުރުމުގެ ފުރުސަތު ބޮޑެވެ. ހިސާބަށް ވުރެ މީހުން ގިނަވުމުގެ ސަބަބުން ބޯ ހިޔާވަހިކަމުގެ މައްސަލަ އިންތިހާ އެވެ.

ހިންގުމުގެ ނިޒާމު

މިއަދު މާލެއަކީ ސިޓީއަކަށް ވުމުން މާލެ ހިންގަނީ ރައްޔިތުން އައްޔަން ކޮށްފައިވާ ސިޓީ ކައުންސިލަކުންނެވެ. މާލޭގެ ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތް ދިނުމުގެ ޒިންމާ އޮންނަނީ ސިޓީ ކައުންސިލުގެ ދަށުގަ އެވެ.

ހަތަރު ސަތޭކަ އަހަރުގެ ކުރީގެ މާލޭގެ ހިންގުން އޮންނަ ގޮތް ޕިރާޑު ވަނީ ވަރަށް ތަފުސީލުކޮށް ކިޔައިދީފަ އެވެ. ޕިރާޑު ލިޔުނެވެ.

"މާލޭގައި ފަސް އަވަށް އޮވެ އެވެ. އެއިން ކޮންމެ އަވަށެއްގައިމެ ވެރިޔަކު ހުރެ އެވެ. އޭނާއަށް ކިޔަނީ "މުސްކުޅި އަވަރު" މިހެންނެވެ. މިއީ ވަކި ޚާއްސަ މަސައްކަތެއް ކުރާ މީހެއް ނޫނެވެ. އެކަމަކު އަވަށާ ބެހޭ ތަންތަނާއި ކަންތައް އޭނާ ދަންނާނެ އެވެ. ރަދުންގެ ފަރާތްޕުޅުން ނުވަތަ އަވަށު މީހުންގެ ފަރާތުން އަވަށާ ބެހޭ ކަމެއް ބޭނުންވެއްޖެ ނަމަ ބުނާން ވާނީ އޭނާގެ ގާތުގަ އެވެ. އަވަށުގެ ހުރިހާ ކަމެއް އޭނާއާ ހަވާލުވެފައި އޮންނާތީ އެއްޗެއް ގެއްލުނަސް އަންގަން ވާނީ އޭނާ އަށެވެ. ދެން އޭނާ އެ އެއްޗެއް ހޯދައިދޭން ވާނެ އެވެ. އަވަށުގެ އެންމެން ވެސް އޭނާއަށް ވަރަށް ކަމޭ ހިތައި އަދަބު ވާނެ އެވެ. އޭނާއަކީ އަވަށުގެ ވެރިމީހާ ކަމަށް ވިޔަސް އެތާ ތިބި މުސްކުޅިންނާ. ނާސިހުންނާ މަޝްވަރާ ނުކޮށް އެއްވެސް ކަމެއް ނުނިންމާނެ އެވެ. އަވަށުގައި ކަމެއް ހިންގަން ވެއްޖެނަމަ އަވަށުގެ ވެރީންގެ ގެޔަށް ނުވަތަ އޭނާ ހިތާވާ އެހެން ކޮންމެވެސް ތަނަކަށް އެއްވާން މަތީގައި ބުނި މުސްކުޅީންނަށް ގޮވާނެ އެވެ. ބޭނުމަކީ ކުރިމަތިވަފައިވާ މައްސަލައާ މެދު މަޝްވަރާ ކޮށްގެން ގޮތެއް ހޯދުމެވެ.

މީލާދީން 1602 ން 1607 އާ ދެމެދު ރާއްޖޭގައި އުޅުނު ޕިރާޑުގެ ލިޔުންތަކުން އޭރުގެ މާލޭގެ ހާލަތު ވަޒަންކޮށްލެވެ އެވެ. އެ ދުވަސްވަރުގެ މާލެއާ އަޅާބަލާއިރު މިހާރުގެ މާލެ ވެސް މާބޮޑު ތަފާތެއް އޮތް ކަމަކަށް ނުފެނެ އެވެ. ފުރިބާރުވެފައި އޮތް ރަށެކެވެ. މިހާރެކޭ އެއްފަދައިން ހިންގުމުގެ ހަރުދަނާ ނިޒާމެއް އޭރު ވެސް ގާއިމުވެފައި އޮތެވެ. މާލެއަކީ ރަދުން ގާއިމުވެ ހުންނަވާ ރަށް ކަމަށްވީ ނަމަވެސް އަވަށް އަވަށުގެ ކަންތައް ހިންގުމަށް ރައްޔިތުންގެ ތެރެއިން މީހުން އިސްކޮށްފައި ތިބޭ ކަމެވެ. އެ މީސް މީހުން ކަންކަން ނިންމުމުގައި ރައްޔިތުންނާ މަޝްވަރާ ކުރާކަމެވެ.

އޭރު ވެސް މިހާރު ވެސް މާލެއަކީ ރާއްޖޭގެ އެންމެ މުހިންމު ރަށެވެ. 400 އަހަރުގެ ދިގު މުއްދަތުގައި ވެސް އެ މާލޭގެ ހައިސިއްޔަތަށް ބަދަލެއް ނާދެ އެވެ.