ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފި އެވެ. އަދި ކުވައިތުން ވެސް ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އަލްޖަޒީރާ އަރަބިކްގެ ރިޕޯޓަރުން ވަނީ ބުނެފަ އެވެ.
ހަބަރުތައް ބުނާގޮތުން މި ހާދިސާތަކާ ގުޅިގެން އެ ގައުމުތަކުގައި ސައިރަން ވަނީ އަޅަން ފަށާފަ އެވެ. މީގެ އިތުރުން ގަތަރާއި، ކުވޭތު އަދި ޔޫއޭއީން މިހާރު ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.
ބަހްރޭނުން ވަނީ އެ ގައުމުގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒަށް މިސައިލް ހަމަލާއެއް އަމާޒުވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ގަތަރުގެ ސަރުކާރުން ވަނީ އަސްކަރީ މަރުކަޒުތަކާ ދުރުގައި ތިބުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތިބި ތަންތަނުން ބޭރަށް ނުނިކުމެ މަޑުކުރުމަށް އަންގައި ސަމާލުކަން ނެރެފަ އެވެ.
މި ސަރަހައްދުގެ އެހެން ގައުމުތައް ވެސް އޮތީ ސަމާލުކަމުގެ ހާލަތުގަ އެވެ. އެގޮތުން އުރުދުންއާއި ކުވެއިތުގައި ނުރައްކަލުގެ އިންޒާރުދޭ ސައިރަންގެ އަޑު ދަނީ އިވެމުންނެވެ. ކުވެއިތަކީ އެމެރިކާގެ އަސްކަރިއްޔާގެ މަރުކަޒީ ކޮމާންޑް ގާއިމުވެފައިވާ ގައުމެކެވެ.
މަސްރަހު އިތުރަށް ގޯސްވަމުންދާތީ، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ދަނީ އެ ސަރަހައްދަށް ކުރާ ދަތުރުތައް މެދުކަނޑާލަމުންނެވެ. ޖަރުމަނުގެ ލުފްތަންސާ އެއާލައިނުން ވަނީ އިޒްރޭލުގެ ތެލް އަވީވް، ލުބުނާނުގެ ބެއިރޫތު އަދި އޮމާނަށް ކުރާ ދަތުރުތައް މާޗު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފަ އެވެ. މީގެ އިތުރުން، މި ހަފުތާގެ ހޮނިހިރު އަދި އާދީއްތަ ދުވަހު ދުބާއީއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ވެސް އެ އެއާލައިނުން ވަނީ ހުއްޓާލާފަ އެވެ.
ކޭއެލްއެމް އިން ނެދަލެންޑްސްގެ އެމްސްޓަޑަމް އިން ތެލް އަވީވް އަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާއިރު، އެއާ ފްރާންސުން ވެސް ވަނީ ތެލް އަވީވް އަދި ބެއިރޫތަށް ކުރާ ދަތުރުތައް މެދުކަނޑާލާފަ އެވެ. ހަމައެއާއެކު، ވިޒް އެއާ އިން ވެސް ވަނީ އިޒްރޭލު، ދުބާއީ، އަބޫދާބީ އަދި އުރުދުންގެ އައްމާނަށް ކުރާ ހުރިހާ ދަތުރުތަކެއް ވަގުތުން ފެށިގެން މާޗު 7 ގެ ނިޔަލަށް ހުއްޓާލާފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން މިއަދު އީރާނަށް ހަމަލާދޭން ފެށުމާއެކު އީރާނުން ވަނީ ރައްދު ހަމަލާތައް ފޮނުވާލާފަ އެވެ. އެގޮތުން ކުރިން ވެސް އިންޒާރު ދީފައިވާ ގޮތަށް އެމެރިކާގެ އެއާބޭސްތަކަށް އީރާނުގެ ހަމަލާތައް ދަނީ އަމާޒު ކުރަމުންނެވެ.
ރަޝިޔާގެ ރައީސް ޕޫޓިންގެ އަރިސް ބޭފުޅެއް ކަމަށްވާ، އެ ގައުމުގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ޑިމިޓްރީ މެޑްވެޑޭވް ވަނީ އީރާނާއެކު އެމެރިކާއިން ކުރިއަށްގެންދާ ނިއުކްލިއާ މަޝްވަރާތަކަކީ އަސްކަރީ ހަރަކާތްތަކެއް ހިންގުމުގެ ކުރިން އެކަން ފޮރުވުމަށް ބޭނުންކުރާ އުކުޅެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ.
ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި މެޑްވެޑޭވް ވިދާޅުވީ، "ސުލްހަވެރިޔާގެ އަސްލު ސޫރަ އަނެއްކާ ވެސް މިވަނީ ހާމަވެފައި" ކަމަށެވެ. އަދި އީރާނާއެކު ކުރެވޭ ހުރިހާ މަޝްވަރާތަކަކީ ހަގީގަތް ފޮރުވުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށާއި، އެކަމާ މެދު އެއްވެސް މީހަކު ޝައްކު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އެއްވެސް ކަމެއްގައި އެއްބަސްވުމަކަށް އައުމުގެ އިހުލާސްތެރި ނިޔަތެއް އެއްވެސް ފަރާތެއްގެ ނެތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ބަހުރޭނުގައި ގޮވުންތަކެއް، ގަތަރުން މިސައިލެއް ހުއްޓުވައިފި
ރޯދަ މަސް: ނުކައި ތިބެ ބަރުދަން އިތުރުވާ މަސް!