ސަރުކާރަށް ޕްރެޝަރު ބޮޑުވެ، އެންމެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޭބަންދަށް މިރޭ ބަދަލުކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހްމަދު ވިދާޅުވީ ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީ ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ ކަމަށެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީ ވަގުތީ ގޮތުން ކަމަށް ވެސް ޔުސްރީން ވިދާޅުވި އެވެ. ނަމަވެސް އެއީ ކިހާ މުއްދަތަކަށް ކަމެއް ވިދާޅެއް ނުވި އެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި މި މަހުގެ ހަތް ވަނަ ދުވަހު އެމަނިކުފާނުގެ އަނބިކަނބަލުން ސިޓީ ފުޅެއް ފޮނުއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕުން ވެސް ވަނީ ރައީސް ސޯލިހާ ބައްދަލު ކުރައްވައި އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުންގެ ސިޓީފުޅުގައި ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން އެނގިވަޑައިގެންނެވި ގޮތުން އެމަނިކުފާނަށް ސިއްހީ މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން އަންނަނީ ސިލްސިލާ ގޮތެއްގައި މާލޭގައި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކުގައި ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުން އަންނަނީ އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ސަރުކާރަށް ޑިމާންޑު ކުރަމުންނެވެ.
ޕީޕީއެމް، ޕީއެންސީގެ ހަރަކާތު ކޯލިޝަނުގެ ޗެއާ، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އެމަނިކުފާނު ގެއަށް ބަދަލު ނުކުރަނީސް މުޒާހަރާތައް ހުއްޓާނުލާނެ ކަމަށެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާފައި ވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ. ޖަލު ހުކުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ވެސް އެމަނިކުފާނު ވަނީ ޖޫރިމަނާ ކޮށްފަ އެވެ. މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.