ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިކަމާ ބެހޭ އުސޫލު މި މަހުގެ ހަތަރު ވަނަ ދުވަހު ވަނީ އާންމުކޮށްފަ އެވެ.

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭގޮތަށް ހުޅުވާލާނެކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މިއީ މިހާރު ފްލެޓެއް އޮތްނަމަ، އިތުރު ބޯހިޔާވަހިކަމަކަށް ކުރިމަތި ނުލެވޭތީ އޮތް ޝަކުވާއަށް ހައްލެއް ހޯދައިދީ، ކޮންމެ އާއިލާއަކީވެސް އަމިއްލަ ގެދޮރު ކަށަވަރުވެފައިވާ އާއިލާއަކަށް ހެދުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމުމެއް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

"ގޯތި ގެދޮރު" ޕްރޮގްރާމްގެ ދަށުން ފޯމު ހުށައެޅުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އޭޕްރިލް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ.

ފޯމު ހުށައެޅެނީ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށެވެ.

މި އުސޫލުގެދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތިކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.