ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ދިއުމަށް އަދިވެސް ވަގުތު އެބައޮތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ގޮވައިލައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދީދީ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރަން ފާސްކުރި ނިންމުމަކީ ގާނޫނީ ގޮތުން ސައްހަ ނޫން ނިންމުމެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި އިސްލާހު ހުށަހަޅައި ދައުރުން ބޭރު ޖަލްސާ ބާއްވައިގެން ފާސްކުރުމަކީ އިޖުރާއީ ގޮތުން ގާނޫނީ ސައްހަކަން ގެއްލިފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި އާދައިގެ ގާނޫނުތައް ފާސްކުރާ މިންވަރަށް ވުރެ މާ އަވަސް މިނެއްގައި މި އިސްލާހު ފާސްކުރެވިގެން ދިޔުމަކީ ވެސް ލެޖިޓެމެސީ ގެއްލޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އިސްލާހު ހުށަހެޅި ސަބަބު ބިލުގައި ބަޔާންކޮށްފައި ނެތް ކަމަށާއި، އެ ކަން ހާމަކުރަނީ ކޮންމެވެސް ސިޔާސީ ބޭފުޅެއްގެ ވާހަކައަކުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަކުން ކަމަށެވެ.
ރިފަރެންޑަމަށް ރައީސް ހުށަހަޅުއްވާފައިވާ ސުވާލަކީ ވެސް ޣައިރު ދުސްތޫރީ ސުވާލެއް ކަމަށް ދީދީ ވިދާޅުވި އެވެ. އެ ސުވާލަކީ ރައީސް އިސްލާހު ތަސްދީގުކުރައްވަން ފެނޭތޯ ކުރާ ސުވާލެއް ނޫން ކަމަށާއި، ސުވާލަކަށް ވާންވާނީ ގާނޫނު އަސާސީ އިސްލާހުކުރަން މަޖިލީހުން ނިންމި ނިންމުމާ މެދު ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ދީދީ ވިދާޅުވީ މި ފަދަ އިސްލާހެއް ގެންނަންވާނީ ރައްޔިތުން އެ ކަމަށް ބޭނުންވެގެން ކަމަށާއި، ފަސް އަހަރަށް ހޮވާފައި ތިބި މެންބަރުންނަކީ މުޅި ގައުމު ތަމްސީލުކުރާ ބައެއް ނޫން ކަމަށެވެ. އެހެންކަމުން ޚާއްޞަ މަޖިލީހެއް އެކުލަވައިލައިގެން ނޫނީ އެ ފަދަ އަސާސީ ބަދަލެއް ގާނޫނު އަސާސީއަށް ގެނެވިގެން ނުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އީރާނުން އިޒްރޭލަށް ފޮނުވާލާ ގިނަ މިސައިލްތައް އަމާޒަށް ވާސިލްވޭ
އިޒްރޭލުން އީރާންގެ ތެޔޮ މަރުކަޒުތަކަށް ގިނަ ހަމަލާތަކެއް ދީފި
މިއަދުގެ ފޮނި ކެއުމަކަށް ދޮންކެޔޮ ކަޖޫ ކިހިނެއް ވާނެ؟