ތެހެރާން (އޭޕްރިލް 30) - އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒާރިފް އެ ގައުމުގެ އަސްކަރީ އަދި ޚާރިޖީ ސިޔާސަތުތަކަށް ފާޑުކިޔާފައިވާ އޯޑިއޯ އެއް ލީކުވުމާއެކު އަސްކަރިއްޔާގެ އޮފިޝަލުން އެ ގައުމުގެ ރައީސް އޮފީހާއި ޚާރިޖީ ވުޒާރާ ބަލާ ފާސްކޮށްފި އެވެ.

އެގޮތުން ރައީސް ހަސަން ރޫހާނީގެ އޮފީހާއި ޚާރިޖީ ވަޒީރުގެ އޮފީސް ބަލާ ފާސްކުރުމަށްފަހު ފައިލުތަކެއް ގެންގޮސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ ލީކުވި އޯޑިއޯގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކުރިއަށް ދިޔަ އޮޕަރޭޝަނެކެވެ.

މިދިޔަ ހަފްތާ ތެރޭގައި ލީކުވެފައިވާ ޒާރިފްގެ އޯޑިއޯގައި އޭނާ ވަނީ އެ ގައުމުގެ ޚާރިޖީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވުޒާރާގެ ތެރޭގައި އޭނާގެ ބާރު ކުޑަކަމަށް ވިދާޅުވަމުން ޒާރިފް ބުނެފައި ވަނީ އަސްކަރީ އަދި ޚާރިޖީ ކަންކަމުގައި އޭނާއަށްވުރެ ގަތުލު ކުރެވިފައިވާ އެ ގައުމުގެ ގުދްސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ ބާރު ސަރުކާރު ތެރޭގައި ގަދަ ކަމަށެވެ.

މި އޯޑިއޯއާ ބެހޭގޮތުން އީރާނުގެ ސަރުކާރުން ބުނެފައިވަނީ އެއީ ޒާރިފްއާއެކު ކުރިއަށް ދިޔަ ސިއްރު އިންޓަވިއުއެއްގެ ބައެއް ކަމަށާއި އެ އޯޑިއޯ ލީކުކުރުމުގެ ފަހަތުގައި ވަނީ ކާކު ކަމެއް އަދި ސާފު ނުވާ ކަމަށެވެ. --އަލް އަރަބިއްޔާ