ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަނީ
މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.
ޒަކާތު ހައުސް އިން ބުނީ ގޮވާމުން ޒަކާތް ބަލައިގަންނާނީ މި މަހުގެ 14 އަދި 15 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ކަމަށެވެ. އަދި 16 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 3:00 އަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ. ހުރިހާ ދުވަހެއްގައި ވެސް ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ ސީއެޗްއެސްއީ އިމާރާތުގައެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. ބަލައިގަންނާނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ އަދި ގޮދަން ފުށެވެ.
ޒަކާތު ހައުސް އިން ވަނީ ދިރާގު ޕޭ، އެމްފައިސާ، އިސްލާމިކް ބޭންކް، ބީއެމްއެލް، ފަހިޕޭ، އަވަސް އަދި ބަނޑޭރި ޕޭ ހިމެނޭ ގޮތަށް ހަތް ޕްލެޓްފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފައެވެ.
މި ރޯދަ މަހުގެ ފުރަތަމަ 15 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 5،482،171 ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 4،460،199 ރުފިޔާއާ އަޅާބަލާއިރު 23 ޕަސެންޓް އިތުރު އަދަދެކެވެ.

ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލެއް
ހަނގުރާމާގައި 140 އެމެރިކާ ސިފައިން ޒަހަމްވެއްޖެ
އިޒްރޭލާއި އެމެރިކާގެ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި