ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލި ކަމުގެ ދައުވާ އުފުލާފައިވާ މީހަކު ކުއްލިގޮތަކަށް ބަންދުން ދޫކޮށްލައިފި އެވެ.

ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައި ވަނީ ނ. މަނަދޫ، ވިނަރެސް، ހަސަން ފަވާޒެވެ. މިހާތަނަށް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހަތް ޝަރުތެއް ކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

ފަވާޒު ބަންދުން ދޫކޮށްލަން ކުރި ޝަރުތުތައް:

  • ގާނޫނާ ހިލާފު ކަމެއް އަދި އެއްވެސް ކުށެއް ނުކުރުން
  • ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން
  • ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ފެށިގެން ހެނދުނު 8:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން
  • މާލެއިން ބޭރަށް ނުދިޔުން
  • މައްސަލާގައި ހެކިބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ އެއްވެސް މީހަކާއި މުއާމަލާތު ނުކުރުމާއި ބައްދަލުނުކުރުމާއި ހެކީންނަށް ނުފޫޒު ނުފޯރުވުން
  • ފަރުވާ ހޯދަމުންދާ ކަމުގެ ލިޔުން ކޮންމެ 15 ދުވަހުން އެއް ފަހަރު ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓަށް ހިއްސާކުރުން

ޕީޖީ އޮފީހުން ބުނީ އެކަން ކަމަށް ފަވާޒު އެއްބަސްވެފައިވާތީ، އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އެ ޝަރުތުތަކާ ހިލާފުވެއްޖެނަމަ އަލުން އޭނާ ބަންދުކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ސަރުކާރުން އަންނަނީ ކައުންސިލް އިންތިހާބާ ދިމާކޮށް ޖަލުގައި ތިބި ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލަން އާއިލާތަކާއެކު އެއްބަސްވަމުންނެވެ.