އެމެރިކާގެ ހަނގުރާމަ މަތީ ޖެޓްތަކަށް ތެޔޮ އަޅަން ޖައްސަން ގދ. ކާޑެއްދޫ އެއާޕޯޓް ދޭން ސަރުކާރުން އުޅޭ ވާހަކަ ފެތުރެން ފަށައިފި އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމާގައި ބޭނުންކުރާ ފައިޓާ ޖެޓްތަކަށް ތެޔޮ އަޅަން ޖައްސަން ކާޑެއްދޫ ބޭނުންކުރުމުގެ ހުއްދަ ދޭ ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ދެކެވެމުންދެ އެވެ.
މި ވާހަކަ ދެކެވެން ފެށީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެއްބާރުލުން އިތުރުކުރުމަށް އަމާޒުކޮށްގެން ބާއްވާ މަތީ ފަންތީގެ ބައްދަލުވުންތަކަކަށް، އެމެރިކާއިން ދެކުނު އަދި މެދު ތެރޭ އޭޝިއާއަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ސާޖިއޯ ގޯ، ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެންނެވެ.
މި ހަފުތާގައި ރާއްޖެއަށް ކުރާ ދަތުރުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި އިގްތިސާދީ ތަރައްގީ އަދި އިންފްރާސްޓްރަކްޗާގެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އެމެރިކާގެ ހާރިޖީ ވުޒާރާއިން ބުނެފައިވެ އެވެ.
މީގެ އިތުރުން މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ވަނީ އެމެރިކާގެ މަތިންދާ ބޯޓަކަށް ތެޔޮ އަޅައިދީފަ އެވެ. އެކަމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެއީ ހަނގުރާމައިގައި ބޭނުންކުރާ އުޅަނދެއް ނޫން ކަމަށެވެ.
ނަމަވެސް އޭވިއޭޓާސް މޯލްޑިވްސް އިން އާންމުކުރި އެ ފްލައިޓްގެ ފޮޓޯ އިން އެނގޭ ގޮތުގައި އެއީ ޔޫއެސް އެއާފޯސްގެ ފްލައިޓެކެވެ. ޔޫއެސް އެއާފޯސްގެ ފްލައިޓްތައް ބޭނުންކުރަނީ ހަނގުރާމައިގަ އެވެ.
އެއަށްފަހު ދެން ފެތުރުނީ ހަނގުރާމައިގައި އެމެރިކާ އިން ބޭނުންކުރާ ޖެޓްތަކަށް ތެޔޮއަޅަން ކާޑެއްދޫ އެއާޕޯޓް ދޭން އުޅޭ ވާހަކަ އެވެ.
މި ވާހަކަ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވަނީ ދޮގުކުރައްވާފަ އެވެ.
ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހަލީލް ވިދާޅުވީ އެއީ ދޮގު ވާހަކައެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ އެއްވެސް ވަސީލަތެއް ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ނުދޭނެ ކަމަށެވެ.
އެފަދަ ހުއްދައަކަށް އެދުމުން އެކަމަށް ނޫނެކޭ ސަރުކާރުން ބުނަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރޯދައަށްފަހު އާއްމު ދިރިއުޅުމަށް ހޭނެން އެހީއެއް!
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ