ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، ފިނޭންސް މިނިސްޓްރީން އާންމުކޮށްފި އެވެ.
މި ގަވާއިދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމަށް ހަރުދަނާ އޮނިގަނޑެއް ތައާރަފުކޮށް، ތަރުތީބު ވެފައިވާ އާބަން ތަރައްގީއަކަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.
ބިމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި ހުޅުމާލޭގެ ރެސިޑެންޝަލް ޕްލޮޓްތަކުގައި އިމާރާތްކުރުމުގެ އިޖުރާއަތްތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، މި ގަވާއިދު ތަންފީޒުކުރާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. މި އާ އުސޫލުގެ ދަށުން، އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލް އާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އިމާރާތްކުރުމުގެ އާ މިންގަނޑުތައް
މި ގަވާއިދުގައިވާ ގޮތުން، 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތައް 30.5 މީޓަރަށް ނުވަތަ 10 ފަންގިފިލާއަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭނެ އެވެ. މީގެ އިތުރުން، އިމާރާތްތަކުގެ ފަންގިފިލާތައް ބޭނުންކުރާނެ ގޮތާއި، ފްލޯ ސްޕޭސް އިންޑެކްސް (އެފްއެސްއައި) އާއި، އިމާރާތުން ދޫކުރަން ޖެހޭ ހުސްޖާގަ (ސެޓްބެކް) އަދި ޕާކިންގްއާ ގުޅޭ ތަފްސީލީ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
އިމާރާތުގެ އުސްމިނަށް ބަލައި، ވަކި ފަންގިފިލާތަކެއްގައި ދިރިއުޅުމުގެ އިތުރުން ހުއްދަދެވޭ ވިޔަފާރިތައް ހިންގުމުގެ ފުރުސަތު މި ގަވާއިދުން ލިބިދެ އެވެ. ނަމަވެސް، ސިނާއީ މަސައްކަތްތަކާއި، ގުދަންކުރުމާއި، އަދި އާންމުންނަށް އުނދަގޫވާ ފަދަ ގަދަ އަޑު، ވަސް، ދުން ނުވަތަ ހިރަފުސް އުފެދޭ ފަދަ ކަންކަން ކުރުން މި ގަވާއިދުގެ ދަށުން ވަނީ މަނާކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މިއީ ތަރައްގީގެ މަސައްކަތްތައް ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅެކެވެ. އަދި ބިންތަކުގެ އިންވަކިކުރާ ފާހަގަތައް ޖެހުމާއި، ބޭނުންވެއްޖެ ހާލަތެއްގައި އަލުން ޖަހައިދިނުމަކީ ރަޖިސްޓްރީކޮށްފައިވާ ބިމުގެ މިންތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރު ކުރުމަށް އެޗްޑީސީން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
މި ގަވާއިދުގައި އިތުރަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، އުސް އިމާރާތްތަކުގައި ލިފްޓް ހުރުމާއި، ދިރިއުޅޭ ބައިތަކުގެ ސީލިންގް ހުންނަންޖެހޭ އެންމެ ދަށް އުސްމިނާއި، ޓެރަސް އަދި މެޒަނިން ފްލޯތަކުގެ މިންގަނޑުތައް ހިމެނެ އެވެ. މިއީ ޒަމާނީ އާބަން މާހައުލަކަށް ބޭނުންވާ ފެންވަރު ހިފެހެއްޓުމަށް އެކުލަވާލާފައިވާ އުސޫލުތަކެކެވެ.
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!
ވިއްސާރައިރު "މޫޑު" ބަދަލުވަނީ ކީއްވެ؟