ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ރެފަރަންޑަމް ވޯޓުގައި ރައްޔިތުންގެ ތެރެއިން %60 މީހުން އެކަމަށް ނޫނެކޭ ބުނާނެ ކަމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ކުރެއްވި ދަތުރުތަކުން ފެނިވަޑައިގަތީ، ވޯޓުލާ %60 މީހުން، އެ ވޯޓަށް ނޫނެކޭ ބުނާނެ މަންޒަރު ކަމަށެވެ.

އެ ބޯޓަށް އާނއެކޭ ބުނެފިނަމަ ރައްޔިތުންގެ އަތުން ބަސް ބުނުމުގެ ހައްގު ގެއްލޭނެ ކަމަށާއި ނަތީޖާއެއްގެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ދެ އިންތިހާބު އެކުގައި ބާއްވަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް ސަރުކާރުގައި އެ ނިޔަތް، އެއްވެސް ހާލެއްގައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އިންތިހާބާ ދިމާކޮށް އެކަނިވެސް ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާދެމުންދިޔުމަކީ އެކަމުގެ ހެއްކެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގެ ތެރެއިން ---

"މިއަދު މި ފެންނަނީ އެ ކަންތައްތައް [އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ ދިނުން]. އެހެންވީމާ، މި ސަބަބުތަކަށް އެކަނި ވެސް އެބަޖެހޭ ދެ އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނަން،" ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ އަތުގައި އޮތް ބަސްބުނުމުގެ ބާރު އެގޮތުގައި ބޭއްވުމަށާއި ރާއްޖޭގައި ހެޔޮވެރިކަމެއް އަލުން ގާއިމު ކުރުމަށް، ރެފަރަންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.