އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ފުވައްމުލަކު ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އެންމެން ގޮނޑި ކާމިޔާބުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ރަސްގެފަންނު އުސް ފަސްގަނޑުގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މިހާތަނަށް ފުވައްމުލަކުގައި އިންތިހާބުވި އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން ރަނގަޅު ނަތީޖާއެއް ދައްކާދީފައިވާ ކަމަށެވެ.
އެމްޑީޕީ ސަރުކާރުން ފުވައްމުލަކުގައި އެއާޕޯޓެއް އެޅުމުން ގިނަ ދުވަސްތަކެއް ނުވެ، ސިޓީ ކައުންސިލުން އެ އެއާޕޯޓް ފަތުރުވެރިކަމާ ގުޅުވާލައި، ފަތުރުވެރިކަމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށަކަށް އެރަށް ހަދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ބަޖެޓަކީ 4 ބިލިއަން ރުފިޔާ ކަމަށާއި އެ އާމްދަނީ މިއަދު ހުރީ 34 ބިލިއަނުގައި ކަމަށެވެ. އަދި އެ ހެޔޮބަދަލު އައީ އެމްޑީގެ ވެރިކަމުގައި ތައާރަފްކުރި ޓެކްސް ނިޒާމުގެ ސަބަބުން ކަމަށާއި އެ އާމްދަނީ ދައުލަތަށް ހޯދުމުގައި ފުވައްމުލަކުގެ ހިއްސާ ބޮޑު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފުވައްމުލަކަކީ ދަނޑުވެރި ރަށަކަށްވާއިރު، އެމްޑީޕީގެ ކައުންސިލުން ދަނޑުވެރިކަމުގެ އުފެއްދުންތަކުން ނަފާ ލިބޭނެގޮތްތައް ފަހިކޮށްދޭނެ ކަމަށާއި އެއީ ހަމައެކަނި އެމްޑީޕީގެ ވިސްނުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ތިބޭފުޅުންގެ ހުރިހާ މޭވާއެއް ވެސް ތަރުކާރީއެއް ވެސް، ރައްކާކުރެވި، ފައްކާކުރެވި، އޭގެން ނަފާ ލިބޭނެގޮތަކަށް ބާރުއަޅައިދޭނެ ކައުންސިލެއް އެމްޑީޕީ ކައުންސިލް ފިޔަވައި ނޯންނާނެ. އެ ވިސްނުމެއް ވެސް އެހެން ބައެއްގެ ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ.
ފާއިތުވި އަހަރުތަކުގައި ފުވައްމުލަކު އެމްޑީޕީ ކައުންސިލަރުން ހާސިލުކުރި ރަނގަޅު ކާމިޔާބީތަކާއެކު އެ ރަށުގެ ރައްޔިތުން އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން މިފަހަރު އިންތިހާބުކޮށްދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އުމުރާއެކު އިންސާނާގެ އަޑަށް ބަދަލު އަންނަނީ ކީއްވެ؟
ސްޓްރޯކްތައް ގިނަވަނީ، ސްޓްރޯކެއް ދެނެެގަންނާނީ ކިހިނެއް؟
ހޮރްމުޒް ނުހުޅުވުނަސް ހަނގުރާމަ ހުއްޓާލަން ތައްޔާރު: ޓްރަމްޕް
