ޕްރިންސްސަސް އޮފް ވޭލްސް ލޭޑީ ޑަޔާނާ އޭނާގެ ކައިވެނީގެ ދުވަހުގައި ބޭނުންކުރި ހެދުން އާއްމުންނަށް ފެންނަގޮތަށް ކެންސިންޓަން ޕެލަސްގައި ދައްކާލަން ހަމަޖެހިއްޖެ އެވެ.

މިގޮތަށް މި ހަމަޖެހުނީ އެ ހެދުން މިހާރު މިލްކުވާ ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ، އެ ހެދުން ލޯނުގެ ގޮތުގައި ދޫކުރުމަށް އެއްބަސްވުމުންނެވެ.

ފަސްބައި 25 ފޫޓަށް ދިގުދެމިގެންދާ މި ހެދުމަކީ އެ ކަމަނާގެ ކައިވެންޏާ ހަމައަށް އިނގިރޭސި ޝާހީ އާއިލާގައި ބޭނުންކުރި އެންމެ ދިގު ކައިވެނި ހެދުމެވެ.

އަންނަ ޖޫން މަހުން ފެށިގެން ޑަޔާނާގެ ކައިވެނީގެ ހެދުން އާއްމުންނަށް ފެންނަހެން އެ ކަމަނާ ދިރިއުޅުއްވި ގަނޑުވަރުކޮޅުގައި ދައްކާލާއިރު މިއީ މި ހެދުން މިގޮތަށް އާއްމުންނަށް ދައްކާލާ ފުރަތަމަ ފަހަރެވެ.

ޑޭވިޑް އިމެނުއަލް އަދި އެލިޒަބަތު އިމެނުއަލް ޑިޒައިން ކޮށްދީފައިވާ މި ޝާހީ ހެދުންކޮޅަކީ ފެޝަންގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނައި ހެދުމެކެވެ. އެގޮތުން އެ ހެދުމުގައި ސީކްއީންސްގެ އިތުރުން ޑާޔާނާގެ މުނި މާމާފުޅު ބޭނުންކުރެއްވި ޖަވާހިރުތަކެއް އެމުނިގެންވެ އެވެ.

މި ހެދުން ދައްކާލުމަށް ހަމަޖެހިފައި ވަނީ ކެންސިންޓަން ޕެލަސްގައި ބާއްވާ ފެޝަން މައުރަޒެއްގަ އެވެ. މި މައުރަޒުގައި ޑަޔާނާގެ ހެދުމުގެ އިތުރުން އިގިރޭސި ޝާހީ އާއިލާގެ ތާރީހުގައި ބޭނުންކުރި ތަފާތު ފެޝަން ހެދުންތަކާއި ގަހަނާތައް ދައްކާލެވޭނެ އެވެ.

އިނގިރޭސިވިލާތުގައި 1981 ވަނަ އަހަރު ޕްރިންސް ޗާލްސް އާއެކު ކުރި ކައިވެނީގައި ޑަޔާނާ ބޭނުންކުރި މި ހެދުން ގިނަބައެއްގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.