ރިޔާދް (02 މެއި) - މި މަހުގެ 17 ވާ ހޯމަ ދުވަހުން ފެށިގެން ސައުދީ އަރަބިޔާގެ ބޯޑަރުތައް އަލުން ހުޅުވާލާނެ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.

އެގޮތުން ގައުމުން ބޭރަށް ދާން ބޭނުންވާ ސައުދީ ރައްޔިތުންގެ ތެރެއިން ކޮވިޑް ވެކްސިން ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނާއި އެއް ޑޯޒު ފުރިހަމަ ކޮށްފައި ވިޔަސް ވެކްސިން ޖެހިފަހުން 14 ދުވަސް ވެފައިވާ މީހުންގެ އިތުރުން ފާއިތުވެ ދިޔަ ހަމަސް ދުވަހުގެ ތެރޭގައި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ބައިނަލްއަގުވާމީ ދަތުރުފަތުރުކުރުމުގެ ހުއްދަ ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސައޫދީ ރައްޔިތުންނަށް ވަނީ 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ބައިނަލްއަގުވާމީ ދަތުރުތައްކުރުމުގައި ދަތިތަކެއް ކުރިމަތި ވެފަ އެވެ. އެ ގައުމުގެ ސަރުކާރުން އާއްމުކުރި ކޮވިޑް-19 ގަވާއިދުތަކާއެކު ގިނަ ދުވަސްތަކެއް ވަންދެން ދަތުރުފަތުރު ކުރުން އޮތީ ރައްޔިތުންނަށް މަނާކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ސައޫދީގެ ބޯޑަރުތައް އަލުން ހުޅުވުނު ނަމަވެސް އެ ގައުމުގެ ރައްޔިތުންނަށް އޮތީ ދަތުރުކުރުން އޭރު ވެސް މަނާކޮށްފަ އެވެ. އޭގެ ފަހުން މިއަހަރުގެ ޖެނުއަރީ މަހު ސަރުކާރުން ވަނީ ދަތުރުކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ދެމިއޮންނާނީ މެއި މަހުގެ ނިޔަލަށް ކަމަށް ބުނެފަ އެވެ.

ޖެހިގެން އައި ފެބުރުއަރީ މަހު ސައޫދީ އިން ވަނީ އެމެރިކާ، ޔޫއޭއީ އަދި އިގިރޭސިވިލާތް ފަދަ ދުނިޔޭގެ ބޮޑެތި ގައުމުތަށް ހިމެނޭ ގޮތަށް ގިނަ ގައުމުތަކަކުން އެ ގައުމަށް އެތެރެ ވުން މަނާކޮށްފަ އެވެ. -- އަލް އަރަބިއްޔާ