މާލޭގެ ނޯތު ހާބަރުގައި އަޅާފައި އޮތް ހއ. އަތޮޅުގެ ބޯޓެއްގެ ތެރޭގައި ތިބި ފަސް ފިރިހެނަކު ހާލު ދެރަވެ، ހަބަރު ހުސްވެފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 06:35 ހާއިރު އެވެ. ހަބަރު ހުސްވެފައި ތިއްބާ ފެނުނު ފަސް މީހުންނަށް މިހާރު ދަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުންނެވެ.

މި ހާދިސާގައި އަސަރުކޮށްފައިވަނީ ހަތަރު ބިދޭސީންނާއި އެއް ދިވެއްސަކަށެވެ. މި އެންމެންނަކީ ވެސް ފިރިހެނުންނެވެ. ނަމަވެސް އެ މީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މީހުން ހަބަރު ހުސްވާން މެދުވެރިވީ ކިހިނެއްވެގެން ކަމެއް ނުވަތަ މިއީ ކޮން ކަހަލަ ހާދިސާއެއްކަން އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.