ޖެހިޖެހިގެން ދެ އަހަރު ފްރާންސްގެ މުސްލިމުން ވަނީ އަހަރުގައި އަންނަ އެންމެ މަތިވެރި މައްސަރު ކަމަށްވާ ރަމަޟާން މަސް ކޮވިޑް-19ގެ ފުރަ ބަންދުގެ ތެރޭގައި ހޭދުކުރަން ޖެހިފަ އެވެ.

ލައްލާ އައިޝާ މުޖާހިދަކީ މިފަދަ އެތައް ހާސް މުސްލިމުންގެ ތެރެއިން އެކެކެވެ. ލައްލާއަށް ޖެހިފައި ވަނީ ޖެހިޖެހިގެން ދެ އަހަރު އޭނާގެ އާއިލާ އާއި ދުރުގައި ރަމަޟާން މަސް ހޭދަކުރާށެވެ.

"އެންމެ ބޮޑަށް ހަނދާންވަނީ އާއިލާ އާއި އެކުގައި ކުރާ އަޅުކަންތަކާއި ބާއްވާ ރޯދަވީއްލުން ތައް. މި ތަޖުރިބާ މުޅިން ތަފާތު،" ލައްލާ ބުންޏެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުރުމުގެ ކުރިން ލައްލާގެ އާއިލާއަކީ އާދަވެގެން ރަމަޟާން މަހުގެ ދުވަސްތައް އެކުގައި ހޭދަކުރާ އާއިލާ އެކެވެ. އެހެންކަމުން ފާއިތުވެ ދިޔަ ދެ އަހަރު އާއިލާގެ އާދަކާދަތައް ބަދަލުވެގެން ދިޔަގޮތުން ލައްލާގެ ރޯދަމަސް މުޅިން ފުރިހަމަ ނުވާ ކަމަށް އޭނާ ބުންޏެވެ.

ޔޫރަޕްގެ އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނަ ފްރާންސްގައި އިރު އޮއްސެނީ ރޭގަނޑު ހަތެއްގެ ފަހުންނެވެ. މިއީ އެ ގައުމުގައި ކާފިއު އިއުލާނު ކޮށްފައިވާ ވަގުތަކަށްވުމާއެކު ޖަމާއަތްތަކުގައި ނަމާދުކުރުމާއި އާއިލާތައް އެކުގައި ރޯދަ ވީއްލުމަކީ ކުރެވެން ނެތް ކަމެކެވެ.

ލައްލާ ބުނީ ރޯދަމަހު އޭނާގެ އެންމެ ބޮޑު އެދުމަކަށްވީ އާއިލާ އާއެކު ވަގުތު ހޭދަކުރުން ކަމަށާއި އެކަމަށް މަގުފަހި ކޮށްދެއްވުމަށް ކޮންމެ ނަމާދަކަށްފަހު ދުއާކުރާ ކަމަށެވެ.

ފްރާންސްއަކީ ޔޫރަޕްގެ ނިސްބަތުން ބަލާއިރު ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ގައުމެވެ.