މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ހިދުމަތް ރަސްމީކޮށް ފަށައި، މިއަދު ދަތުރުތައް ކުރަމުންދަނިކޮށް މާލޭގެ ކާރޯބާރު ބޮޑު މަގަކަށް ޓެކްސީއެއް ހުއްޓި، މުޅި ސަރަހައްދުގެ ޓްރެފިކް ބްލޮކުވެއްޖެ އެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓެކްސީ ލައިންގެ އާ ކާރެއް މަގު މެދަށް ހުއްޓިފައި އޮތުމުގެ ސަބަބުން އެ މަގު ވަނީ އުޅަނދުތަކުން ފުރި ބާރުވެފަ އެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ބޮޑު ޓްރެފިކް ޖޭމެއް އުފެދި، ގިނަ އަދަދެއްގެ އާންމުންނަށް ކުރިއަށް ނުދެވި ގިނަ އިރުތަކެއް ވަންދެން މަޑުކުރަން ޖެހުނެވެ.
ކާރަށް ދިމާވީ ކޮން މައްސަލައެއްކަން އަދި ސާފުވާގޮތެއް ނުވެ އެވެ. މްޓީސީސީ މިހާތަނަށް މި ހާދިސާއާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް އާންމުން ބުނާ ގޮތުގައި، ޗައިނާގެ އަގުހެޔޮ މޮޑެލްތަކުގެ ކާރުތައް ސަރުކާރުން ރާއްޖެ ގެނައި ނަމަވެސް، ރާއްޖެ ފަދަ ހޫނުގަދަ ގައުމެއްގައި މިފަދަ އުޅަނދުތައް ބޭނުންކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުންނާނެ އެވެ.
މީގެ އިތުރުން، އެހެން ބައެއް މީހުން ފާހަގަކޮށްފައިވާ ގޮތުގައި މި ކާރުތަކަކީ މާލޭގެ ހަނި މަގުތަކާއި މި ސަރަހައްދުގެ މާހައުލުގައި ދުއްވަން އެންމެ އެކަށީގެންވާ ކާރުތަކެއް ނޫނެވެ.
ސަރުކާރުން ބުނެފައިވަނީ މި ހިދުމަތައް ގެނައީ އެންމެ ޒަމާނީ ތިމާވެއްޓާ ރައްޓެހި، މާލޭގެ މާހައުލާ ގުޅޭނެ ކާރުތައް ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ޓެކްސީ ލައިންގެ ހިދުމަތް ހިލޭ ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މާލެ ޓެކްސީ ލައިންގެ ހިދުމަތަކީ ސަރުކާރުން މާލޭގެ ދަތުރުފަތުރުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފެށި މަޝްރޫއެކެވެ. ނަމަވެސް ހިދުމަތުގެ ފުރަތަމަ ދުވަހު މިފަދަ ކަމެއް ހިނގުމުން، ބައެއް އާންމުން ދަނީ މި މަޝްރޫއުގެ ފެންވަރާ މެދު ސުވާލު އުފައްދަމުންނެވެ.
ފުން ކަނޑުގެ މެދުން ދިގު މަގެއް ގުދުރަތުގެ އަޖާއިބަކަށް!
ބޯޓެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް 5 މީހަކު ފެނިއްޖެ
ފުލިދޫގައި އޮޔާދިޔަ ދެ ދަރިން ސަލާމަތްކުރި ބައްޕަ ނިޔާވެއްޖެ