މިއަދު ކުރިއަށްދާ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ބުނީ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައި ވަނީ ހޫނު ގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ ކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލުން ހަވީރު 5:00 އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރު ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

މެންދުރު 2:00 އާ ހަމައަށް ވޯޓުލީ 55 ޕަސެންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ވޯޓުލާ މަރުކަޒެއްގައި ޒުވާން އަންހެން ކުއްޖަކު ވޯޓުލުމަށްފަހު އަތު ފަންކާއަކުން ވައިޖައްސަނީ. އިންތިހާއަށް ހޫނުގަދަވުމުން ވޯޓުލާ ވަގުތު ވެސް އިލެކްޝަންސް އިން ވަނީ އިތުރުކޮށްފައި. -- ފޮޓޯ | ހުރިހާ

އެ ކޮމިޝަނުން ބުނީ 2 ޖެހުމާ ހަމަޔަށް ވޯޓު ލީ 131،947 މީހުން ކަމަށާއި އަދި ބާކީ 162،929 މީހުން ވޯޓު ނުލާ ކަމަށެވެ. އެއީ 63،175 އަންހެނުންނާއި 6،8772 ފިރިހެނުންނެވެ.

މި ވޯޓުގައި ވޯޓުލުމުގެ ހައްގު 294,937 މީހުންނަށް ލިބިފައިވެ އެވެ. ވޯޓު ކިޔޫތައް ބަންދުކުރުމުގެ ކުރިން ވީހާވެސް ގިނަ މީހުން ވޯޓުލުމުގެ ހައްގު އަދާކުރުމަށް ކިޔޫގައި ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ފޮއްޓަކަށް މިއަދު ހަވީރު މީހަކު ކަރުދާސްކޮޅު ވައްޓާލަނީ. -- ފޮޓޯ | ހުރިހާ

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިތުރު ކުރި ވަގުތާއެކު ހަވީރު 5:00 ޖެހުމުގެ ފަހުން އެއްވެސް މީހަކަށް ކިޔޫއަށް އެރުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި އެ ވަގުތުގައި ކިޔޫގައި ތިބި ބަޔަކު ވޯޓުލާ ނިމުމުން ވޯޓުފޮށިތައް ބަންދުކުރާނެ އެވެ.

މި އިންތިޚާބުގައި ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.