ޕޭޕަރުތައް ލީކުވުމާ ގުޅިގެން މިހާރު ކުރިއަށް ދާ އޭލެވެލް އެޑެކްސެލް އިމްތިހާނު މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އެ އިމްތިހާނު މެދުކަނޑާލުމަށްފަހު ދަރިވަރުންނަށް ދެ ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އޮކްޓޯބަރު- ނޮވެމްބަރުގެ އިމްތިހާނަށް މަޑުކުރަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދިނުމުގެ އިތުރަށް، ޓީޗާ ބޭސްޑް އެސެސްމަންޓެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މޭ- ޖޫންގައި އިމްތިހާން ނިންމަން ބޭނުންވާ ކުދިންނަށް ދެވޭނީ ޓީޗާ ބޭސްޑް އެސެސްމަންޓެއް. މިއީ ސްކޫލުން ތައްޔާރުކުރާ އިމްތިހާން ކަރުދާސްތަކެއް. އެހެން ނަމަވެސް ހަމަ އެޑެކްސެލްގެ މިންގަނޑަށް، އެޑެކްސެލް ގްރޭޑް ސެޓްފިކެޓް ލިބޭނީ،" ޑރ. އައިޝަތު ވިދާޅުވި އެވެ.

އެ މިނިސްޓްރީން ބުނީ ޓީޗާ ބޭސްޑް އެސެސްމަންޓް ހަދާ ކުދިންގެ އިމްތިހާން، ޖޫންމަހު ނިންމޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ. އަދި އޮކްޓޯބަރު- ނޮވެމްބަރަށް އިމްތިހާނު ހެދުން ބަދަލުކުރަން ބޭނުންވާ ކުދިންނަށް އެ އިންތިޒާމު، އެ ކުއްޖަކު ޓެސްޓް ހަދާ މަރުކަޒަކުން ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި، ލީކު ވެފައިވަނީ އަސްލު ޕޭޕަރުތޯ ކަށަވަރު ކުރަން ބޭނުން ކަމަށް އެޑެކްސެލްއިން ބުނި ކަމަށް ޑރ. އައިޝަތު ވިދާޅުވި އެވެ. އަދި އެކަންކަން އެބޭފުޅުން ބަލައި، ދެ ޕޭޕަރެއް ލީކު ވެފައިވާކަން ކަށަވަރު ކޮށްދިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އިތުރަށް ޕޭޕަރެއް ލީކު ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ޑރ. އައިޝަތު ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދު ހެނދުނު އެހެން ޕޭޕަރެއް ވެސް ވަނީ ލީކުވެފަ އެވެ. އަދި އެ ޕޭޕަރު ޑރ. އައިޝަތަށް ވެސް ވަނީ ލިބިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު މުހައްމަދު އިހުސާން ވިދާޅުވީ، އެޑެކްސެލް އޭލެވެލް އިމްތިހާނުގެ މިހާރު ކުރިއަށްދާ ކަރުދާސްތަކާއި އެކު ރާއްޖެއިން ދެން ކުރިއަށް ނުދާނެ ކަމަށެވެ. އަދި ސްކޫލްތަކުން އަމިއްލަ އިމްތިހާނު ކަރުދާހެއް ތައްޔާރުކޮށް، އާންމު އުސޫލުގެ ދަށުން އިމްތިހާނެއް ބާއްވައި، އެ މާކްސްތައް ޑީޕީއީއާ ހިއްސާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އޭގެ އިތުރުން މިހާރު އެ ކުދިން ހަދާފައިވާ މޮކް އެގްޒާމްގެ ނަތީޖާއާއި، ޓީޗަރުން ކުދިންނަށް ތައްޔާރުކޮށްފައިވާ ފޯކާސްޓް ގްރޭޑްތައް ވެސް ހުށަހަޅާނެ ކަމަށެވެ. އެކަންކަމަށް ބެލުމަށްފަހު ދަރިވަރުންނަށް އެޑެކްސެލްގެ ގްރޭޑަކާއި ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.