ލޯކަލް ކައުންސިލް އިންތިހާބު ނިމުމާއެކު، އައްޑޫ ސިޓީގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އިންތިހާއަށް ބޮޑުކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހާ ހަމައަށް އައްޑޫގައި ތެޔޮ ވިއްކަމުންދިޔަ އަގުތަކަށް ބަލާއިރު، ޕެޓްރޯލް ލީޓަރެއް ލިބެމުންދިޔައީ 18.56 ރުފިޔާއަށެވެ. ނަމަވެސް މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 24.22 ރުފިޔާއަށް އުފުލިފަ އެވެ. މިއީ ލީޓަރަކުން ގާތްގަނޑަކަށް 5.66 ރުފިޔާގެ ބޮޑުވުމެކެވެ.
ޑީސަލްގެ އަގަށް އައިސްފައިވާ ބަދަލު މިއަށްވުރެވެސް ބޮޑެވެ. ކުރިން 19.77 ރުފިޔާއަށް ލިބުނު ޑީސަލް ލީޓަރެއްގެ އަގު މިހާރު ވަނީ 32.47 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. މިއީ ޑީސަލް ލީޓަރަކުން 12.70 ރުފިޔާގެ ބޮޑުވުމެކެވެ.
މި އަގުތަކަށް ބަދަލު އައިސްފައިވަނީ އިންތިޚާބުގެ ކަންކަން ނިމުމަށްފަހުގަ އެވެ. ތެލުގެ އަގަށް މި އައި ބޮޑު ބަދަލުގެ ސަބަބުން އައްޑޫގެ ދަތުރުފަތުރުގެ ނިޒާމަށާއި، މަސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ޑީސަލްގެ އަގު މިހާ ބޮޑަށް އުފުލިގެން ދިއުމަކީ އާންމު ހިދުމަތްތަކުގެ އަގަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.
މިދިޔަ މާޗް މަހުވެސް އައްޑޫގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުވުމާއި ގުޅިގެން އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނިޒާރު ވިދާޅުވީ އޭރުވެސް އައްޑޫގައި އަގުތައް ބޮޑުކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ނިސްބަތުން މާ ބޮޑަށް ކަމަށެވެ. ގަލްފް ހަނގުރާމައިގެ ދުވަސްވަރު ވެސް މިވަރަށް ތެލުގެ އަގު ބޮޑުކޮށްފައި ނުވާއިރު މިކަމުގައި ސަރުކާރުން އިތުރަށް ވިސްނުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނިޒާރު އޭރު ވިދާޅުވި އެވެ.
އައްޑޫގެ ރައްޔިތުން އަންނަނީ ކުއްލިއަކަށް ތެލުގެ އަގަށް މިފަދަ ބޮޑު ބަދަލެއް އައުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެތައް ބަޔަކަށް ލަނޑުދިން އަންމަޓީގެ މައްސަލަ ސާބިތު ނުވި
އިސްކޮޅުގެ ސަބަބުން ހަކުރު ބަލީގެ ފުރުސަތު ބޮޑު ވޭތަ؟