އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމާއި، ޑޮނަލްޑް ޓްރަމްޕާ އެކު އޮތް ގުޅުން ގޯސްވަމުންދާތީ، އިނގިރޭސި ބޮޑުވަޒީރު ސާ ކިއާ ސްޓާމާ، ޗާގޯސް ޖަޒީރާގެ އެއްބަސްވުން ކުރިއަށް ނުގެންގޮސް މަޑުޖައްސާލައިފި އެވެ.

މީގެކުރިން މި އެއްބަސްވުމަށް ތާއީދުކުރެއްވި ނަމަވެސް، ފަހުން ޓްރަމްޕް ވަނީ މި އެއްބަސްވުން އުވާލުމަށް ސްޓާމާއަށް ބާރުއަޅުއްވާފަ އެވެ. މިދިޔަ ޖެނުއަރީ މަހު ޓްރަމްޕް ވަނީ މި ނިންމުމަކީ ބަލިކަށިކަމުގެ މިސާލެއް ކަމަށް ސިފަކުރައްވާފަ އެވެ.

އިނގިރޭސި ސަރުކާރުގެ އިސްވެރިން ވިދާޅުވާ ގޮތުގައި، ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުން މުޅިން ދޫކޮށްލީއެއް ނޫނެވެ. ނަމަވެސް، ކުރިއަށް އޮތް ހަފުތާތަކުގައި ޕާލަމަންޓް އުވާލުމުގެ ކުރިން މިކަމާ ގުޅޭ ގާނޫނު ފާސްކުރުމަށް މިހާރު ވަގުތު ނެތީ އެވެ. މީގެ އިތުރުން، މެއި މަހުގެ މެދުތެރޭގައި އިއްވުމަށް ހަމަޖެހިފައިވާ ރަސްގެފާނުގެ ތަގުރީރުގައި ވެސް ޗާގޯސްއާ ބެހޭ އާ ބިލެއް ހިމަނާނެ ކަމަކަށް ނުބެލެވެއެވެ.

މި އެއްބަސްވުން ތަންފީޒުކުރުމަށް ގާނޫނީ ގޮތުން ކޮންމެހެން ބޭނުންވާ އެމެރިކާގެ ރަސްމީ ލިޔުމެއް އިނގިރޭސިވިލާތަށް އަދިވެސް ލިބިފައި ނުވާކަން ވަނީ އެނގިފަ އެވެ.

އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް ޖަޒީރާއަކީ 19 ވަނަ ގަރުނުން ފެށިގެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ ތަނެކެވެ. މި އެއްބަސްވުމުގެ ދަށުން، އެ ސަރަހައްދުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ފަހު، އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އޮންނަ އިނގިރޭސި-އެމެރިކާ ގުޅިފައިވާ އަސްކަރީ މަރުކަޒު ކުއްޔަށް ހިފުމަށް އަހަރަކު ގާތްގަނޑަކަށް 101 މިލިއަން ޕައުންޑް (136 މިލިއަން ޑޮލަރު) ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، ޑިއޭގޯ ގާސިއާއަކީ އިނގިރޭސިވިލާތާއި އެމެރިކާއަށް ވެސް އަސްކަރީ ގޮތުން ވަރަށް މުހިންމު ތަނެއް ކަމަށެވެ. އަދި އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށާއި، މި އެއްބަސްވުމުގެ މުޅި ބޭނުމަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗާގޯސްގެ އެއްބަސްވުމަށް ގާނޫނީ ސިފަ ގެނައުމަށްޓަކައި ބިލް ފާސްކުރުމުގެ އެންމެ ފަހު މަރުހަލާގައި ވަނިކޮށް، މިހާރު ވަގުތު ފާއިތުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. މިދިޔަ ފެބުރުއަރީ މަހު ސަރުކާރުން މި މަސައްކަތް މަޑުޖައްސާލި ކަމަށް ދެކެވުނު ވާހަކަތައް ދޮގުކުރި ނަމަވެސް، މިހާރު މިވަނީ އެކަން ރަސްމީކޮށް މަޑުޖެހިފަ އެވެ.

2025 ވަނަ އަހަރުގެ މެއި މަހު ސޮއިކުރި މި އެއްބަސްވުމަށް އެމެރިކާއިން ފުރަތަމަ މަރުހަބާ ކީ ނަމަވެސް، 2026 ގެ ކުރީކޮޅު ޓްރަމްޕް ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޗާގޯސްގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކޭގޮތުގައި މިއީ އެމީހުންނަށް ވީ ހިޔާނާތެކެވެ. އެމީހުން ބޭނުންވަނީ އިނގިރޭސިވިލާތުގެ ދަށުގައި އެ ރަށްތައް ބާއްވައިގެން، ކޮންމެވެސް ދުވަހަކުން އަނބުރާ އަމިއްލަ ވަޒަނަށް ދެވޭނެ މަގު ފަހިވުމަށެވެ.

އިދިކޮޅު ކޮންޒަވޭޓިވް ޕާޓީއާއި ރިފޯމް ޔޫކޭއިން ވަނީ މި އެއްބަސްވުން މަޑުޖައްސާލުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް ވިދާޅުވީ، މިއީ ވަރަށް އުފާވެރި ޚަބަރެއް ކަމަށާއި، މިހާރު ސަރުކާރުން ކުރަންޖެހޭ ކަމަކީ ޗާގޯސްގެ ރައްޔިތުންނަށް އަނބުރާ ވަޒަނަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ.

ލިބަރަލް ޑިމޮކްރެޓްސްގެ ފޮރިން އެފެއާޒް ތަރުޖަމާނު ކެލަމް މިލާ ވިދާޅުވީ، ޗާގޯސްގެ މައްސަލަ ކުރިއަށް ގެންދިޔަ ގޮތް ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އަދި ޓްރަމްޕްގެ އަމަލުތަކުން އެމެރިކާއަކީ އިތުބާރު ކުރެވޭނެ ބައިވެރިއެއް ނޫންކަން ހާމަވެއްޖެ ކަމަށާއި، އޭނާގެ ސަބަބުން ދެގައުމުގެ އަސްކަރީ ގުޅުމަށް ނުރައްކާވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުން ބަލައި ނުގަންނަކަން ދިވެހި ސަރުކާރުންވެސް ވަނީ އިނގިރޭސިވިލާތައް ރަސްމީކޮށް އަންގާފަ އެވެ. އޭގެ ރައްދުގައި އިނގިރޭސިވިލާތުން ބުނެފައިވަނީ މި މައްސަލައަކީ ރާއްޖެއާ ބެހޭ މައްސަލައެއް ނޫންކަމަށެވެ.