އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގައި އުފެދިފައިވާ މައްސަލަތައް ވަރަށް އަވަހަށް ހައްލުކުރެވިދާނެ ކަމަށާއި އެގޮތުން މިހާރު އެ މައްސަލަ އެންމެ ދެ މިނެޓު ތެރޭ ހައްލު ކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"އަހަރެމެންނަށް ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ އެންމެ ދެ މިނެޓު ތެރޭގައި، ތިޔަބޭފުޅުންގެ ބޯ އެއްފަރާތުން އަނެއްފަރާތަށް އެނބުރާލާހައި އަވަހަށް އެކަން ހައްލުކުރެވިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވީ ނަމަވެސް، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން މިއަދު ވަނީ އެކަމާ ގުޅޭގޮތުން ތަފާތު މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ.

އެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަކީ މިވަގުތު ކުރެވެން އޮތް ކަމެއް ނޫނެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެ ފަރާތްތަކުން ބުނެފައި ވަނީ، އީރާނުން އެ ސަރަހައްދުގައި ވަޅުލާފައިވާ ކަނޑުގެ މައިންތައް އެ ގައުމަށް ވެސް މިހާރު ހޯދިފައި ނުވާތީ ކަމަށް ބުނެ އެވެ.

މި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ މަސްރަހުގައި ބަހުސްތައް އިތުރުވެފައިވާއިރު، ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ޓްރަމްޕާ ބެހޭގޮތުން ކުރިން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ރަނގަޅު ވާހަކަފުޅުތަކެއް ކަމަށް ބައެއް ފަރާތްތަކުން މިހާރު އަންނަނީ ބުނަމުންނެވެ. ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެމެރިކާގެ ރަސްމީ އިދާރާތަކުން ފާޅުކުރި ކަންބޮޑުވުންތަކުން ދޭހަވަނީ، ޓްރަމްޕް ވިދާޅު ވިހާ ފަސޭހައިން މިކަން ހައްލުކުރެވެން ނެތް ކަމެވެ.