ސަރުކާރުގެ ޓެކްސީލައިންގެ ހިދުމަތް ހިންގަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރާއެކު ޓެކްސީލައިިންގެ ހިދުމަތް ފަށާފައިވަނީ މިމަހުގެ 2 ވަނަ ދުވަހު އެވެ. ސަރުކާރުން ނިންމާފައިވަނީ އެ ހިދުމަތަށް އެޕްލިކޭޝަނެއް ތައްޔާރު ކުރެވެންދެން އެ ހިދުމަތް ހިލޭ ކުރިއަށް ގެންދިއުމަށެވެ.
އެކަމާ ގުޅިގެން އެ އެސޯސިއޭޝަނުން ނެރުނު ބާޔާނެއްގައި ބުނީ، ޓެކްސީ ޑްރައިވަރުންނަކީ ޒަމާނުއްސުރެ ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ބައެއް ކަމަށާއި އެއީ އެއްތައް ސަތޭކަ ދިވެހި އާއިލާއެއްގެ ދިރިއުޅުމާއި އާމްދަނީއާއި ސީދާގޮތުން ގުޅިފައިވާ ދާއިރާއެއް ކަމަށެވެ.
"ނަމަވެސް ސަރުކާރުގެ ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ، އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލި، ރެގިއުލޭޓް ކުރުމުގެ ނިޒާމަށް ބުރޫއަރާނެ ކަމެއް ކަމަށް މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ ތަކުރާރުކޮށް ދަންނަވާފަ" ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އަމިއްލަ ޓެކްސީ ސެންޓަރުތަކަށާއި ޓެކްސީ އެޕްލިކޭޝަން ހިންގާ ފަރާތްތަކާއި ޓެކްސީ ޑްރައިވަރުންނަށް ހަރުކަށި އުސޫލުތަކަކުން ރެގިއުލޭޓްކޮށް، ގަވާއިދާ ހިލާފުވާ ހާލަތްތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، ސަރުކާރުން ހިންގާ ޓެކްސީގެ ހިދުމަތް ދެމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
"އެގޮތުން ޓެކްސީ ގަވައިދު 7 ވަނަ މާއްދާގެ (ހ) އާއި 11 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އާ ކަނޑައެޅިގެން ހިލާފަށް މި ހިދުމަތް ކުރިއަށްގެންދާކަން ވަނީ ހާމަވެފަ. ގަވާއިދުތައް ތަންފީޒު ކުރުމުގައި ގެންގުޅޭ މިފަދަ ބޭއިންސާފު އަމަލުތަކުގެ ސަބަބުން ރެގިއުލޭޓަރީ އޮނިގަނޑަށް އޮންނަ އިތުބާރު ގެއްލިގެންދޭ" ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ދައުލަތުގެ ވަސީލަތްތަކުގެ އެހީގައި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މާކެޓަށް ސަރުކާރުން ވަނުމަކީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދަން ދެމެހެއްޓުމުގެ ޤާނޫނުގެ އެތައް މާއްދާއަކާއި ހިލާފު ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.
ވަކިން ހާއްސަކޮށް ސަރުކާރުގެ އަމިއްލަ އެޕްލިކޭޝަނެއް ތައްޔާރުވަންދެން މި ހިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ އިގްތިސާދީ ގޮތުން ދަތި، މި ދަނޑިވަޅުގައި އަމިއްލަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ލިބޭ ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެކަންކަން އެހެން ހުރުމާއި ގުޅިގެން އެސޯސިއޭޝަނުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން ހިމެނޭހެން ކަމާއި ބެހޭ ހުރިހާ އިދާރާތަކުން އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ޓެކްސީތަކާމެދު ވެސް ހަމަހަމަ އުސޫލަކުން ގަވާއިދުތައް ތަންފީޒު ކުރުމަށް ގޮވާލާފަ އެވެ.
މަޝްވަރާތަކަށް އީރާނުގެ އިސް ވަފުދު ޕާކިސްތާނަށް
ހާމަނާއީ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެފި
ޗާގޯސް އެއްބަސްވުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި