ކަލްކަތާ (03 މެއި) - ކޮވިޑްގެ ހާލަތު އިންޑިއާގައި ގޯސްވެފައި ވަނިކޮށް އެގައުމުގައި ބޭއްވި ސަރަހައްދީ ޖެނެރަލް އެސެމްބްލީ އިންތިހާބުން ސަރުކާރު ހިންގާ އަދި ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބާރަތިޔަ ޖަންތާ ޕާޓީ (ބީޖޭޕީ) އަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިދިޔަމަހުގެ 27 އަންނަ މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެކި ބުރުތަކަށް ބަހާލައިގެން ކުރިއަށް ދިޔަ މި އިންތިހާބުގައި އެ ގައުމުގެ ކެރަލާ، އައްސާމް، ތަމިލް ނާޑޫ ސްޓޭޓްގެ ގޮނޑިތަކަށް ވޯޓުލާފައިވެ އެވެ. އޭގެ ތެރެއިން މޯދީގެ ޕާޓީއަށް ބީޖޭޕީއަށް ކިރިޔާ ވެސް ކާމިޔާބެއް ލިބޭނެ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކަނީ ހަމައެކަނި އައްސާމް ސްޓޭޓް އިންނެވެ.

އެގޮތުން އިންތިހާބު ބޭއްވުނު ސްޓޭޓް ތަކުގެ ތެރެއިން އެންމެ ބޮޑު ވެސްޓް ބެންގާލްގެ 294 ގޮނޑީގެ ތެރެއިން 200 އަށްވުރެ ގިނަ ގޮނޑިއާއެކު އެސަރަހައްދުގެ އަގުލަބިއްޔަތު ލިބިފައިވަނީ ތްރިނަމޫލް ކޮންގްރެސް ޕާޓީއަށެވެ. މިއާއެކު އެ ސަރަހައްދުގެ ޗީފް މިނިސްޓަރުކަން ކުރައްވާނީ މައި އިދިކޮޅު ލީޑަރު މަމާތާ ބެނަރްޖީ އެވެ. އޭނާ ވާނީ އެގައުމުގައި އެފަދަ މަގާމެއްގައި ހުރި ހަމައެކަނި އަންހެން ލީޑަރަށެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ބޮއްސުން ލާފައި ވަނިކޮށް މި އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި މޯދީ އިސްވެ ހުންނަވާ ބީޖޭޕީ އިން ވަނީ ވެސްޓް ބެންގާލްގައި ބޮޑެތި އެއްވުންތަކެއް ބާއްވާފަ އެވެ. އެ ގައުމުގެ މައި އިދިކޮޅު ޕާޓީއިން ވަނީ މި އެއްވުންތަކަކީ އެގައުމުގައި ކޮވިޑް އެހާ ބޮޑަށް ފެތުރެން މެދުވެރިވި ސަބަބުކަމަށް ތުހުމަތު ކޮށްފަ އެވެ.

މި ނަތީޖާއާއެކު ބޮޑު ވަޒީރު މޯދީ ވަނީ ޓްވިޓާ މެދުވެރިކޮށް މަމާތާއަށް މަރުހަބާ ކިޔުއްވާފަ އެވެ. އަދި މައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ބެންގާލްގެ ސަރަހައްދީ ސަރުކާރަށް ލިބޭނެ ކަމަށްވެސް މޯދީ ވިދާޅުވި އެވެ.-- ސީއެންއެން