ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ އަލީ އާރިފް ކުއްލިގޮތަކަށް އިސްތިއުފާދެއްވި ސަބަބެއް އަދި ނޭނގެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އަލީ އާރިފު އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު އަންގަވައިގެންނެވެ.

ރައީސް އޮފީހުގައި އަލީ އާރިފް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކަށް ރައީސް އެކި ބޭބޭފުޅުން އައްޔަން ކުރެއްވުމާއި ވަކިކުރެއްވިކަން އެންގެވުމުގެ އިތުރުން ސިޓީތަކުގައި ސޮއިކުރެއްވުމާއި ރައީސްގެ ސެކްރެޓޭރިއޭޓުގެ މަސައްކަތްތައް ހިމެނެ އެވެ.

ކައުންސިލް އިންތިހާބުގެ ބޮޑު ނާކާމިޔާބީއާއެކު ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އަންނަނީ އިސްތިއުފާ ދެއްވަމުންނެވެ.

އަލީ އާރިފް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރުކަން ކުރައްވާފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމާއެކު އޭނާ ގުޅުނީ ޖުމްހޫރީ ޕާޓީއާއެވެ. އެއަށްފަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނާ ވަނީ ރައީސް މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވާފަ އެވެ.