ޤުދުރަތީ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުން ހިތްހަމަޖެހުން ލިބޭކަމަށް އިހުސާސް ކުރެވެނީ ހަމައެކަނި ހީވާ ހީވުމަކުން ނޫނެވެ. އެއީ ސައިންޓިފިކް ގޮތުން ބަލާއިރު އަޅުގަނޑުމެންގެ ހަށިގަނޑަށް އަންނަ ބަޔޮލޮޖިކަލް ބަދަލެކެވެ.
ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު އެންމެ 20 މިނެޓު ގުދުރަތީ މާހައުލެއްގައި ހޭދަކޮށްލުމުންވެސް ހަށިގަނޑުގެ ސްޓްރެސް ހޯމޯންތައް ދަށްވެ، ލޭގެ ޕްރެޝަރު ކޮންޓްރޯލްވެ، ދިފާއީ ނިޒާމު ވަރުގަދަވެ އެވެ.
ތިރީގައި އެވަނީ ގުދުރަތީ މާހައުލަކުން ސިއްހަތަށް ލިބޭ ބައެއް ފައިދާތަކެވެ.
އަމިއްލަ އިޚްތިޔާރުން ބޭރުން ހަށިގަނޑު ރިލެކްސްވުން
ފެހި ގަސްތަކާއި، ދޫނިސޫފާސޫފީގެ އަޑު ނުވަތަ ގަސްގަހާގެހީގެ ތެރެއިން ވައިޖެހޭ އަޑު އިވުމުން، ހަށިގަނޑުގެ 'އޮޓޮނޮމިކް ނާވަސް ސިސްޓަމް' ވަގުތުން އެކަމަށް އިޖާބަދެ އެވެ. އޮކްސްފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރު ކެތީ ވިލިސް ވިދާޅުވާގޮތުގައި، މިފަދަ މާހައުލަކަށް ދިއުމުން ހިތުގެ ވިންދު މަޑުޖެހި، ލޭގެ ޕްރެޝަރު ދަށްވެ، މުޅި ހަށިގަނޑު ހަމައަކަށް އެޅެ އެވެ. އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ހަފުތާއަކު މަދުވެގެން 120 މިނެޓު ފެހި މާހައުލެއްގައި ހޭދަކުރާ މީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން މާ ބޮޑަށްވެސް ރަނގަޅެވެ.
ހޯމޯންތައް ހަމައަކަށް އެޅުން
ބޭރުތެރޭގައި ވަގުތު ހޭދަކުރުމުން ހަށިގަނޑުގެ އެންޑޯކްރިން ސިސްޓަމަށް ބަދަލު އައިސް، ހާސްކަމާއި ފިކުރުބޮޑުވުމުން އުފެދޭ 'ކޯޓިސޯލް' އަދި 'އެޑްރެނަލިން' ފަދަ ހޯމޯންތައް މަދުކޮށްދެއެވެ. ޖަޕާނުގައި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ގަސްގަހާގެހީގެ ވަސް ޖެހޭ ހިސާބުގައި ނޭވާލުމުން ހަށިގަނޑުގައި ވައިރަސްތަކާ ހަނގުރާމަކުރާ 'ނެޗުރަލް ކިލާ ސެލްސް' އިތުރުވެ އެވެ. މިކަމުގެ އަސަރު ދެ ހަފުތާއަށް ދެމިގެންދާކަންވެސް ވަނީ ފާހަގަކުރެވިފަ އެވެ.
ވަހުގެ ބާރުގަދަކަން
ގުދުރަތީ މާހައުލުގެ ވަހަކީ ހަމައެކަނި ސިކުނޑިއަށް ކުރާ އަސަރެއް ނޫނެވެ. ގަސްގަހާގެހިން ބޭރުކުރާ ބައެއް މާއްދާތައް ނޭވާގެ ޒަރީއާއިން ލޭގެ ތެރެއަށް ވާސިލްވެ އެވެ. މިސާލަކަށް، 'ޕައިން' ގަސްތަކުގެ ވަހުގެ ސަބަބުން އެންމެ 90 ސިކުންތުގެ ތެރޭގައި ހިތްހަމަޖެހުން ލިބި، އެކަމުގެ އަސަރު 10 މިނެޓަށް ދެމިގެންދެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި ވަސްތަކާ ބެހޭ އެއްވެސް ހަނދާނެއް ނެތް ތުއްތު ކުދިންވެސް ގުދުރަތީ ވަސްތަކުން ހަމައަކަށް އެޅެ އެވެ.
ބަނޑުގެ ދުޅަހެޔޮކަމަށް އެހީތެރިވުން
ވެލާއި ފަސްގަނޑުގެ ތެރޭގައި އުޅުމަކީ ހަށިގަނޑަށް ފައިދާހުރި ޖަރާސީމު ލިބޭ ކަމެކެވެ. މިއީ އަގުބޮޑުކޮށް 'ޕްރޯބަޔޮޓިކްސް' ބުއިންތަކުން ލިބޭ ފަދަ ބެކްޓީރިއާ ތަކެކެވެ. ކުޑަކުދިން ބޭރުތެރޭގައި ވެލިގަނޑުގައި ކުޅެ އުޅުމަކީ އެކުދިންގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭނެ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.
ގޭގައި ތިބެގެން ކުރެވިދާނެ ކަންތައް
ކޮންމެ މީހަކަށް ކޮންމެ ވަގުތަކު ޖަންގައްޔަކަށް ނުވަތަ ބޮޑު ބަގީޗާއަކަށް ނުދެވުނަސް، ގޭގައި ހުދު ނުވަތަ ރީނދޫ ކުލައިގެ ފިނިފެންމާ ބެހެއްޓުމުން ނުވަތަ ލެޕްޓޮޕުން ގުދުރަތީ މަންޒަރެއް ބަލާލުމުންވެސް ސިކުނޑިއަށް ހިތްހަމަޖެހުން ލިބޭކަން ވަނީ ސާބިތުވެފަ އެވެ. ސައިންސްވެރިން ބުނާގޮތުގައި ގުދުރަތީ މާހައުލާ ގުޅުންހުރި ކިތަންމެ ކުޑަ ކަމަކުންވެސް ޞިއްޙަތަށް ހެޔޮ ބަދަލެއް އާދެ އެވެ.
އެއްބަސްވުމަކަށް ނައިސްފިނަމަ އީރާން ގޮއްވާލާނެ ކަމުގެ އިންޒާރު
ރާއްޖެއަށް ޑްރަގް އެތެރެކުރި ދެ އަންހެނަކު ހައްޔަރުކޮށްފި