"ސަސުރާލް ސިމަރް ކާ" އިން ބޮޑު މަޤްބޫލުކަމެއް ހޯދި އަދި "ބިގް ބޮސް 12" ކާމިޔާބުކުރި މަޝްހޫރު ތަރި ދީޕިކާ ކަކަރް، އޭނާގެ ސިއްހީ ދަތުރުގައި ދިމާވި އާ ގޮންޖެހުމެއްގެ ވާހަކަ ސަޕޯޓަރުންނާ ހިއްސާކޮށްފި އެވެ.
ދާދި ފަހުން އޭނާގެ ޔޫޓިއުބް ވްލޮގް މެދުވެރިކޮށް ދީޕިކާ ހާމަކުރި ގޮތުގައި، އޭނާގެ ހަށިގަނޑުން މިހާރު ވަނީ ދެ އާ ސިސްޓް ފެނިފަ އެވެ. މިއީ އޭނާ ކުރިންވެސް ތަހައްމަލު ކުރަމުންދާ ހޯމޯނަލް މައްސަލަތަކުގެ ތެރެއިން ދިމާވި އާ ކަމެކެވެ.
ދީޕިކާ ބުނިގޮތުގައި އޭނާ ޑޮކްޓަރަށް ދެއްކީ ހަށިގަނޑަށް އުނދަގޫތަކެއް ވާން ފެށުމުންނެވެ. އަލްޓްރާސައުންޑް ސްކޭނަކުން ދެއްކި ގޮތުގައި އޭނާގެ ހަށިގަނޑުގައި ދެ ސިސްޓް އުފެދިފައިވެ އެވެ. މިކަމުގެ ސަބަބުން އޭނާއަށް ތަދުތަކާއި ވަރުބަލިކަން އިހުސާސްވަމުންދާ ކަމަށް އޭނާ ބުންޏެވެ.
ދީޕިކާގެ މި ސިއްހީ ދަތުރުގައި އޭނާގެ ފިރިމީހާ، މަޝްހޫރު އެކްޓަރު ޝުއައިބް އިބްރާހިމް ހުރީ ވަރަށް ބޮޑު އެހީތެރިއަކަށް ވެފަ އެވެ. ވްލޮގްގައި ދީޕިކާ ބުނީ ޝުއައިބް އޭނާއަށް ވަރަށް ބޮޑަށް އަޅާލައި، ހިތްވަރު ދެމުންދާ ކަމަށެވެ.
ދީޕިކާގެ މި ވީޑިއޯގައި އޭނާ ވަނީ އޭނާގެ ސަޕޯޓަރުންނާއި، ޚާއްޞަކޮށް އަންހެނުންނަށް، އަމިއްލަ ސިއްހަތަށް ސަމާލުކަން ދިނުމަށް ނަސޭހަތްތެރިވެފަ އެވެ. ހަށިގަނޑަށް އެއްވެސް ބަދަލެއް އަންނަނަމަ ނުވަތަ އާދަޔާ ޚިލާފު ތަދެއް ހުންނަނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އޭނާ އިލްތިމާސްކުރި އެވެ.
"އަހަރެމެން އަންހެނުންނަކީ އާންމުކޮށް އަމިއްލަ ސިއްހަތަށްވުރެ އާއިލާގެ ކަންކަމަށް އިސްކަންދޭ ބައެއް. އެކަމަކު އަމިއްލަ ނަފްސަށް އަޅާލުމަކީ ވަރަށް މުހިންމު ކަމެއް،" ދީޕިކާ ބުންޏެވެ.
ދީޕިކާ މިހާރު ދަނީ ޑޮކްޓަރުންގެ ލަފާގެ މަތިން ބޭސްފަރުވާ ކުރަމުންނެވެ. އަދި އޭނާގެ ކެއުމާއި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނެސްގެން މިކަމުން އަރައިގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ދީޕިކާގެ މި އިއުލާނާއެކު އޭނާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް އަވަސް ޝިފާއަކަށް އެދި މެސެޖުތައް ފޮނުވަމުންނެވެ.
"ލާހޯރް 1947"ގެ ނަން ބަދަލު ކުރަނީ!
"ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ހުއްޓައެއް ނުލަން"
އެމެރިކާއާއެކު މަޝްވަރާއަށް ދިއުމާ މެދު ގޮތެއް ނުނިންމަން: އީރާން