މާލޭގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ބާއްވަމުންދާ ރޭގަނޑުގެ އެއްވުންތަކުގައި ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ވާހަކަތައް ދައްކަމުންދާ ކަމަށ ބުނެ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މުޒާހަރާތަކާ ދެކޮޅަށް ބަޔާނެއް ނެރެފި އެވެ.

އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދީފައިވާ އަސާސީ ހައްގަކަށް ވީނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ އިސްލާމީ އަހްލާގާއި މުޖުތަމައުގެ ހަމަޖެހުން ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފުމުގައި އަނެކާގެ ހައްގުތަކަށް އިހްތިރާމްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ، މިފަދަ އެއްވުންތަކުގައި ބޭނުންކުރާ ބަހުރުވަ ހުންނަ ގޮތުން މުޖުތަމައުގެ ތެރޭގައި ފިތުނަވެރިކަމާއި ނަފުރަތު އުފެދުމަށް ފުރުސަތު ލިބޭ ކަމަށެވެ. އެހެންކަމުން، މީޑިއާތަކުން ވެސް މިފަދަ ނަފުރަތު އުފެދޭ ވާހަކަތައް ފެތުރުމުގެ ބަދަލުގައި، މުޖުތަމައުގެ ސުލްހަވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން، ސިޔާސީ ހަރަކާތްތައް ހިންގުމުގައި ގައުމުގެ އަމަންއަމާންކަން އިސްކޮށް، ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކަކަށް އެޗްއާރްސީއެމްއިން ވަނީ ގޮވާލާފަ އެވެ.

އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފުން މިދުވަސްވަރު ގެންދަނީ ސިލްސިލާކޮށް ކޮންމެ ރެޔަކުވެސް މާލޭގެ މަގުތަކުގައި އެއްވުންތައް ބާއްވަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހިއުމަން ރައިޓްސްއާ ގުޅޭ ގިނަ ކަންކަމުގައި އެޗްއާރްސީއެމްއިން ގިނަ ފަހަރު ތިބެނީ ހަނު އެވެ. އެގޮތުން ފުލުހުން އަނިޔާވެރިކޮށް މުޒާހަރާގެ ބައިވެރިން ހިފާ ހައްޔަރުކުރުމާއި މީޑިއާތަކަށް ހުރަސް އެޅުންފަދަ ކަންކަމުގައި އެޗްއާރްސީއެމްގެ ބަހެއް ނެތެވެ. އޭގެބަދަލުގައި އެ ކޮމިޝަން މިހާރު ވެފައިވަނީ ސިޔާސީ ކަންކަމުގައި ވަރަށް އަވަހަށް ބަޔާންނެރެ، ރައްޔިތުންގެ ހައްގުތައް ހަނިކުރަން މަސައްކަތްކުރާ ކޮމިޝަނަކަށް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.