ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާ ދެމެދު ގާއިމުކޮށްފައިވާ "ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީޒް 2024-2027" ގެ ދަށުން، މިދިޔަ އޮކްޓޫބަރު މަހު ހަމަޖެއްސި 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ އެމްއެމްއޭ އިން އަނބުރާ ދައްކާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 30 ބިލިއަން އިންޑިއަން ރުޕީސްގެ ފުރަތަމަ ބައި ބޭނުންކުރުމަށް އިންޑިއާ ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެން، އެ ގައުމުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާފައިވާ ކަމަށެވެ.

މިއީ ރައީސް މުހައްމަދު މުޢިއްޒު މިއަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އާރުބީއައި އާއި އެމްއެމްއޭ އާ ދެމެދު ސޮއިކުރެވުނު މުހިންމު އެއްބަސްވުމެކެވެ.

މި 30 ބިލިއަން ރޫޕީސްގެ ސްވޮޕް ފެސިލިޓީގެ ސަބަބުން، ހުޅަނގު އޭޝިއާގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ވެސް ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ދައުލަތުގެ މާލީ ޒިންމާތަކަށް ބަލާއިރު، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ބަޖެޓަށް އެހީވުމުގެ ގޮތުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްގެ ތެރެއިން މިހާތަނަށް 50 މިލިއަން ޑޮލަރު ސަރުކާރުން ވަނީ އަނބުރާ ދައްކާފަ އެވެ.

30 ބިލިއަން ރޫޕީސްގެ މި ފެސިލިޓީ ހަމަޖެހިގެން ދިއުމަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން ހާމަކޮށްދޭ އަލިގަދަ ހެތްކެއް ކަމަށާއި އަދި މިއީ އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން އެ ގައުމުން ރާއްޖެއަށް ދޭ އަހައްމިއްޔަތާއި އިތުބާރު ރަމްޒުކޮށްދޭ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.