ހެލްތު މިނިސްޓްރީއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒިކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ޚަރަދުތަކުގެ ކޮމްޕްލެޔަންސް އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ހެލްތް މިނިސްޓްރީން، އެގްޒިކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ގެންނަން ހަވާލުކުރި 75 ވެންޓިލޭޓަރުގެ ކޮންޓްރެކްޓަރަކީ ހިންގަމުންދާ ކޮންޓްރެކްޓެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެގްރީމެންޓްގައި ޑިލޭ ޗާޖުގެ ވާހަކައެބައޮތް. އާބިޓްރޭޝަނަކަށް ހިންގައްޖެނަމަ، ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގައި އެކަން ކުރަންޖެހޭ ކަމަށް އެގްރީމަންޓްގައި ލިޔެވިފައި އެބައޮތް. އަޅުގަނޑުމެން ވެސް މިދަނީ މި ކޮންޓްރެކްޓުގެ އަޕްޑޭޓްތައް ހޯދަމުން،" އަމީރު ވިދާޅުވި އެވެ. "އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އަރުވަން."

މިނިސްޓަރު ވިދާޅުވީ އެ ކޮންޓްރެކްޓްގެ ދަށުން ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާއިރު ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ، އެއްބަސްވުމުގައިވުމުގެ ދަށުން އެ ފައިސާ އަނބުރާ ލިބޭނެ ގޮތްތައް ހިމަނާފައިވާނެ ކަމަށެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަނީ

އަމީރު ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދަށް ރިއާޔަތްކޮށް، ހާލަތަށްބަލައި ކުރަންޖެހޭ ޚަރަދުތައްކޮށްގެން ދައުލަތުން ސިއްހީ ރައްކާތެރިކަމަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް މަގުފަހިކުރަން ކަމަށެވެ.

"އަޅުގަނޑު ދިން ހުއްދައެއް ދީފައިވާނީ މާލިއްޔަތު ގާނޫނާއި ގަވައިދުގެ ތެރެއިން. ދީފައިވާ ކޮންމެ ހުއްދައެއްވެސް ދީފައިވާނީ މާލީ ނިޒާމުގެ އަސާސްތައް ހިފަހައްޓައި، ހަމައެކަނި އެވަގުތު ކުރަން ޖެހޭ ކަމެއް ކުރުމަށް ބޭނުންވާނެ އެންމެ ކުޑަ މިންވަރަށް،"މިނިސްޓަރު ވިދާޅުވި އެވެ.