އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ސަރުކާރުން އަންގައިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގަށް އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހުންނަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.

އަދަދު ނޫހުން ބުނީ ފިޔާޒު އާއި ހަސަން ފުލުހުންނަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ޕާސްޕޯޓު ހިފަހައްޓާފައިވާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފު އަށް ވެސް ފުލުހުންގެ ޗިޓެއް ވަނީ ގޮސްފަ އެވެ.

"2026 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަ މުހައްމަދު މުއިއްޒު ގަޛުފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އާއިޝާ މިނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިރުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ،" ފުލުހުންގެ ޗިޓުގައި ބުނެފައިވެ އެވެ.

ފުލުހުން ވަނީ ރޭގެ ވަގުތެެއްގައި އަދަދު ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.

އޭގެ އިތުރުން، އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން ވަނީ ފިޔާޒު އާއި ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފަ އެވެ.

އަދަދު އިން އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސް ދުވަސް ފަހުން، މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށީ އެ ޑޮކިއުމެންޓްރީގައި ރައީސްއަށް ކުރި ތުހުމަތުތަކާ ގުޅިގެން އިއްޔެ ރައީސް މުއިއްޒުއާ ސުވާލު ކުރި ހިސާބުންނެވެ.

އެމަނިކުފާނު ދެއްވި ޖަވާބުގައި އެ ތުހުމަތުތައް ދޮގުކުރަމުން، އެ މައްސަލައިގައި ދައުވާކުރާނެ ކަމަށް ވިދާޅުވި އެވެ.