މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ކޮރަޕްޝަންގެ ތަހުގީގުގެ ޒިންމާތަށް ހަވާލުކުރެވިފައިވާ ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރީ މައްސަލައެއް އޮވެގެން ނޫން ކަމަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން އަހުމަދު ސަލީމްގެ ވިޔަފާރި، ރެޑްވޭވްއަށް ޑޮލަރު ގަތް މުއާމަލާތް ސާފު ކުރުމަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ރިޔާސީ ކޮމިޝަނަށް ހާޒިރުކުރިކަން އެ ކޮމިޝަނުން ވަނީ ކަށްވަރުކޮށްދިން ނަމަވެސް ހާޒިރުކުރީ ކޮން ބޭނުމަކުކަން ސާފުނުކޮށްދެ އެވެ. އެ ކޮމިޝަންގެ ރައީސް އައްސަދު ވިދާޅުވެފައި ވަނީ ތަހުގީގުކުރަމުންދާ މައްސަލައަކަށް ވާތީ އެ ކަމުގައި އޭނާ ބައިވެރިވިކަމާ މެދު ވެސް ކޮމިޝަނުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

"ހުރިހާ" އަށް އެނިގިފައިވާ ގޮތުގައި ސަލީމް ހާޒިރުކުރީ އަދީބުގެ އަތުން ޑޮލަރު ގަތް މުއާމަލާތެއް ސާފު ކުރުމަށެވެ. ކޮމިޝަނަށް ހާޒިރުކުރީ އަދީބުގެ އަތުން ޑޮލަރު ގަތް މުއާމަލާތް ސާފުކުރަންކަން ސަލީމު ވަނީ "ވަގުތު" ނޫހަށް ވެސް ކަށަވަރުކޮށްދެއްވައިފަ އެވެ.

އެ ނޫހަށް މައުލޫމާތު ދެމުން ސަލީމް ވިދާޅުވީ، ދިވެހި ރުފިޔާ ޑޮލަރަށް މާރު ކުރުމަށް ޓަކައި އެއް މިލިއަން ޑޮލަރު ގަނެ އެއަށް ހަމަވާ ދިވެހި ފައިސާ އަނބުރާ ދީފައިވާނެ ކަމަށެވެ. އަދި އެ މުއާމަލާތްތަކުގެ ތަފްސީލްތައް މީގެ ކުރިން ވެސް ތަހުގީގަށް ހިއްސާކޮށްފައިވާނެ ކަމަށްވުމުން އޭނާ ހާޒިރު ކުރީ އެއްވެސް މައްސަލައެއް ފެންނަން އޮތް ކަމެއްގައެއް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ސަލީމް ވިދާޅުވީ އަދީބުގެ އަތުން ވަރަށް ގިނަ މީހުން ޑޮލަރު ގަނެފައިވާ ކަމަށާއި، އެ އެންމެނަކީ ހިޔާނާތުގެ ބައިވެރިންނަށް ނުވާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަނުން ކުރި ސުވާލުތަކަށް ޖަވާބުދާރީ ވެވަޑައިގަތުމަށް އޭނާއަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. ނަމަވެސް އޭނާ އެދިވަޑައިގެންފައިވަނީ ވަކީލުންނާ އެކު ކޮމިޝަންގެ ސުވާލުތަކަށް ޖަވާބުދާރީ ވެވަޑައިގަތުމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބައެއް ބޭފުޅުންނަށް ވެސް ލިބިފައިވާކަމަށް ވެ އެވެ.

ނަމަވެސް ސަރުކާރުގެ އިސް މެމްބަރުގެ އެ މައްސަލަތައް ލަސްކޮށް ހަމައެކަނި ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނަށް ދައުވާ އުފުލާތީ ހިޔާނާތުގެ ތަހުގީގުގެ ސައްހަކަމާ މެދު އިދިކޮޅު ކޯލިޝަނުން ދަނީ ސުވާލު އުފައްދަމުންނެވެ. އެމްއެމްޕީއާރްސީގެ ހިޔާނަތް ތަހުގީގު ކުރުމުގެ ނަމުގައި ކުރަމުން ދަނީ ވާދަވެރި ފަރާތްތަކުގެ އަޑު ކަނޑުވާލުމުގެ މަސައްކަތްކަމަށް ސާލީމް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮރަޕްޝަންގެ އެ ބޮޑު މައްސަލަ ތަހުގީގު ކުރަމުން ދަނީ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު ވަނީ އުފެއްދެވި ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީސް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނަކުންނެވެ.

އެ ތަހުގީގުގެ ތެރެއިން މިހާތަނަށް ދައުވާކުރެވި ކުށް ސާބިތުވެފައި ވަނީ އަދީބުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެކަންޏެވެ. އެ ތިން ބޭފުޅުން ތިއްބެވީ ގޭބަންދުގަ އެވެ.