ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ކަނޑުމަގުން މުދާ އުފުލަން ދަތުރުތައް ފެށުމާ ބެހޭގޮތުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ޕާކިސްތާނަށް ވަޑައިގެން މަޝްވަރާ ކުރައްވައިފި އެވެ.
އެ ގައުމުގެ ނޫހެއް ކަމަށްވާ ބިޒްނަސް ރެކޯޑާގައި ބުނެފައިވާ ގޮތުން ކޮންސިއޭޖް ގްރޫޕް މޯލްޑިވްސްގެ ޗެއާމަން ޝިޔާމާއި ޣައްސާނާއެކު ފަސް ބޭފުޅުން ޕާކިސްތާނަށް މިދިޔަ އަންގާރަ ދުވަހު ވަޑައިގެން، އެ ގައުމުގެ ނޭޝަނަލް ޝިޕިން ކޯޕަރޭޝަންގެ އިސްވެރިންނާ ބައްދަލު ކުރައްވައި ޕާކިސްތާނުގެ ކަރާޗީ އާއި ކޮލަމްބޯ އަދި ރާއްޖެއާ ދެމެދު ކަނޑު މަގުން ގުޅާލުމުގެ މަޝްވަރާތައް ކުރެއްވި އެވެ. އެ މަޝްވަރާތަކުގައި ކަނޑުމަގުން މުދާ ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށް އެ ނޫހުގައިވެ އެވެ.
އެ ނޫހުގައިވާ ގޮތުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަތާރް މުޚްތާރު ވެސް އެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތެވެ. ޕާކިސްތާނުން ކަނޑުމަގުން މުދާ ގެންދިއުމުގެ ޚިދުމަތްތަކަށް ރާއްޖޭގެ ވަފުދުން ހިތްހަމަޖެހޭ ކަމަށް އެ މަޝްވަރާތަކުގައި ވިދާޅުވި ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
ޕާކިސްތާނުގެ އިސް ފަރާތްތަކަކާ އެކު އެފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔައީ އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެރީގެ ދަތުރުތައް ފަށާފައި ވަނިކޮށެވެ.