އެމެރިކާގެ މަޝްހޫރު ނިއުސް ޗެނަލް، ކޭބަލް ނިއުސް ނެޓްވޯކް (ސީއެންއެން)ގެ ބާނީ އަދި ކޭބަލް ޓީވީ ނިއުސްގެ އިންގިލާބީ ބަދަލުތަކުގެ މޭސްތިރިޔާ ޓެޑް ޓާނާ، އުމުރުން 87 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.
މީޑިއާގެ ދާއިރާގައި އިންގިލާބީ ބަދަލުތަކެއް ގެނައި ކުޅަދާނަ ޝަހުސިއްޔަތު އަދި ދިލަތި މީހެއްގެ ގޮތުގައި ފާހަގަކުރެވޭ ޓެޑް ޓާނާ މަރުވީ މިއަދު އެވެ. މިކަން ހާމަކޮށްފައި ވަނީ "ޓާނާ އެންޓަޕްރައިސަސް" އިން ނެރުނު ބަޔާނެއްގަ އެވެ.
އޯހިއޯއަށް އުފަން، އެޓްލާންޓާގެ މި ވިޔަފާވެރިޔާއަކީ އޭނާގެ ހާމަކަން ބޮޑު މިޒާޖުގެ ސަބަބުން "ދަ މައުތު އޮފް ދަ ސައުތު" ގެ ނަމުން މަޝްހޫރުވެފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ ކޭބަލް ޓީވީގެ ފުރަތަމަ "ސުޕަސްޓޭޝަން" އާއި، ފިލްމާއި ކާޓޫނަށް ހާއްސަ މަގުބޫލު ޗެނަލްތަކުގެ އިތުރުން، "އެޓްލާންޓާ ބްރޭވްސް" ފަދަ ކުޅިވަރު ޓީމުތައް ހިމެނޭ ބޮޑު މީޑިއާ އެމްޕަޔަރެއް ބިނާކޮށްފަ އެވެ.
މީގެ އިތުރުން، ޓާނާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ރޭސް ދުއްވާ ބޭފުޅެކެވެ. އޭނާއަކީ "ޔުނައިޓެޑް ނޭޝަންސް ފައުންޑޭޝަން" އުފެއްދެވި ދިލަތި އެހީތެރިޔާ ވެސް މެ އެވެ. ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް މަސައްކަތްކުރެއްވި އެކްޓިވިސްޓެއްގެ އިތުރުން، އޭނާއަކީ އެމެރިކާގައި އެންމެ ގިނަ ބިން މިލްކުވެރިކަމުގެ ދަށުގައި އޮތް އެކަކެވެ. އެމެރިކާގެ ހުޅަނގުގެ ސަރަހައްދުތަކަށް "ބައިސަން" އަލުން ތައާރަފުކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވި އެވެ. އަދި ތިމާވެއްޓަށް ކުދިން ހޭލުންތެރިކުރުވުމަށް "ކެޕްޓަން ޕްލެނެޓް" ކާޓޫން އުފެއްދެވީ ވެސް އޭނާ އެވެ.
ނަމަވެސް، އޭނާ ދުނިޔެއަށް އެންމެ ބޮޑަށް މަޝްހޫރު ވެގެންދިޔައީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހިނގާ ކަމެއް ވެސް އެ ވަގުތުން ވަގުތަށް، 24 ގަޑިއިރު ބަލާލެވޭނެ ނިއުސް ނެޓްވޯކެއް އުފެއްދުމަށް އޭނާ ގެންގުޅުއްވި ހިތްވަރުގަދަ ތަސައްވުރުގެ ސަބަބުންނެވެ. 1991 ވަނަ އަހަރު، ދުނިޔޭގެ 150 ގައުމެއްގެ ބެލުންތެރިންނަށް ތާރީހީ ހާދިސާތައް އެވަގުތުން ވަގުތަށް ފެންނާނެ މަގު ފަހިކޮށްދީ، އޭނާގެ މަސައްކަތުގެ އަގުވަޒަންކޮށް، ޓައިމް މެގަޒިންއިން އޭނާއަށް "މޭން އޮފް ދަ އިޔާ" ގެ ލަގަބު އެރުވި އެވެ.
ޓާނާ ފަހުން އޭނާގެ ނެޓްވޯކްތައް "ޓައިމް ވޯނާ" އަށް ވިއްކާލައި، ވިޔަފާރިން ދުރަށް ޖެހިވަޑައިގަތް ނަމަވެސް، ސީއެންއެންއާ މެދު އަބަދުވެސް ފަހުރުވެރިވެވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީ އެވެ.
ސީއެންއެން ވޯލްޑްވައިޑްގެ ޗެއާމަން އެންޑް ސީއީއޯ މާކް ތޮމްޕްސަން ވިދާޅުވި ގޮތުގައި، ޓާނާއަކީ އަމިއްލަ ނިންމުންތަކަށް އިތުބާރުކުރި، ބިރުކުޑަ އަދި ނަމޫނާ ލީޑަރެކެވެ. އޭނާއަކީ ސީއެންއެންގެ އަސްލު ރޫހެވެ.
2018 ވަނަ އަހަރު، އޭނާގެ 80 ވަނަ އުފަން ދުވަހުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ޓާނާ ވަނީ އޭނާއަށް "ލޫވީ ބޮޑީ ޑިމެންޝިއާ" (ސިކުނޑީގެ ބައްޔެއް) ޖެހިފައިވާކަން ހާމަކުރައްވާފަ އެވެ. 2025 ވަނަ އަހަރުގެ ކުރީކޮޅު ނިއުމޯނިއާގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު، އޭނާ ދިޔައީ ރިހެބިލިޓޭޝަން ސެންޓަރެއްގައި ރަނގަޅުވަމުންނެވެ.
ޓާނާ މަރުވިއިރު، އޭނާގެ ފަސް ބޭފުޅުންނާއި، 14 ކާފަ ދަރިންނާއި، ދެ މުނިކާފަ ދަރިން ދުނިޔޭގައި އެބަތިއްބެވި އެވެ.
ޓީވީ ނިއުސްގެ އިންގިލާބެއް ފެށުން
ޓާނާގެ މީޑިއާ ކެރިއަރު ފެށުނީ އުމުރުން 24 އަހަރުގައި، އޭނާގެ ބައްޕަ މަރުވުމާ ގުޅިގެން، ބައްޕަގެ ބިލްބޯޑް ކުންފުނި "ޓާނާ އައުޓްޑޯ އެޑްވަޓައިޒިން" އާ ހަވާލުވުމުންނެވެ. އޭނާގެ ހިތާމަތައް ވަޅުލީ މަސައްކަތުގެ ތެރޭގަ އެވެ. ނަމަވެސް އެހެން މީހުންގެ އުފެއްދުންތައް އިޝްތިހާރު ކުރުމަކުން އޭނާއަށް ފުދުމެއް ނުލިބުނެވެ.
އޭނާ ފުރަތަމަ ރޭޑިއޯ ސްޓޭޝަންތައް ގަނެ، އޭގެ ފަހުން 1970 ގައި އެޓްލާންޓާގެ "ޗެނަލް 17" ގަނެ، ޓީވީގެ ދާއިރާއަށް ނުކުތެވެ. އެ ސްޓޭޝަންގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި ބޯދާ ސިޓްކޮމްތަކާއި ފިލްމުތައް ދައްކަން ފެށި އެވެ.
ކުރިން ހަބަރު ފަތުރާ ދާއިރާއަށް ޝައުގުވެރިކަމެއް ނެތް ނަމަވެސް، ކުޅިވަރުގެ ދާއިރާއަށް އިންވެސްޓްކޮށް "އެޓްލާންޓާ ބްރޭވްސް" ބޭސްބޯލް މެޗުތައް ތައާރަފުކުރި އެވެ. މީގެ ސަބަބުން ލިބުނު ފައިދާއާއެކު، އޭނާގެ ވިސްނުން ފުޅާވެގެންދިޔަ އެވެ. 1976 ގައި ސެޓެލައިޓް މެދުވެރިކޮށް ޗެނަލް 17 މުޅި ގައުމަށް ފޮނުވަން ފެށުމުން، އެއީ ކޭބަލް ޓީވީގެ ފުރަތަމަ "ސުޕަސްޓޭޝަން" އަށް ވެގެންދިޔަ އެވެ.
ޓާނާގެ އަސްލު އަމާޒަކަށްވީ 24 ގަޑިއިރު ހަބަރު ފަތުރާ ޗެނަލެކެވެ. އެމެރިކާގެ ރައްޔިތުންނަށް މައުލޫމާތު ނުލިބޭތީ އޭނާ ކަންބޮޑުވި އެވެ. ގިނަ ބަޔަކު އޭނާގެ މި ހިޔާލަކީ މޮޔަ ކަމެއް ކަމަށް ދެކުނު ނަމަވެސް، ޖޫން 1، 1980 ގައި ސީއެންއެން ވުޖޫދަށް އަ އެވެ.
އޭގެ ފަހުން އޭނާ ވަނީ ސީއެންއެން އިންޓަނޭޝަނަލް، ޓީއެންޓީ، ޓީސީއެމް އަދި ކާޓޫން ނެޓްވޯކް ފަދަ އެތައް ޗެނަލެއް އުފައްދާފަ އެވެ. ސީއެންއެންގެ ކުރީކޮޅުގައި ދިމާވި ފަންނީ މައްސަލަތަކުގެ ސަބަބުން ބައެއް މީހުން އެއަށް "ޗިކަން ނޫޑްލް ނިއުސް" ގެ ނަމުން މަލާމާތްކުރި ނަމަވެސް، 1990 ގެ ގަލްފް ހަނގުރާމައާއެކު ސީއެންއެންގެ މުހިންމުކަން މުޅި ދުނިޔެއަށް ހާމަވެގެންދިޔަ އެވެ. އެއީ ހަނގުރާމައެއް ވަގުތުން ދެއްކި ފުރަތަމަ ފަހަރެވެ.
ދީލަތި އެހީތެރިއެއް
ޓާނާ ވަނީ އދ. އަށް އެކަނިވެސް 1 ބިލިއަން ޑޮލަރު ހަދިޔާކުރައްވާފަ އެވެ. އޭނާއަކީ ތިމާވެށި ހިމާޔަތްކުރުމަށާއި، ނިއުކްލިއާ ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް ގިނަ ފައުންޑޭޝަންތަކެއް މެދުވެރިކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.
ޖޭން ފޮންޑާ ސިފަކުރެއްވި ގޮތުގައި، ޓެޑް ޓާނާއަކީ އޭނާގެ ހިތްދަތި މާޒީއަށް ބަލާއިރު، މުޅިން ތަފާތު، ރަނގަޅު އިންސާނަކަށް ވެގެންދިޔަ އާދަޔާހިލާފު ބޭފުޅެކެވެ.
ރިތިކްގެ އެންމެ ފުރަތަމަ މުސާރައަށް ގަތީ ކުޅޭ ކާރެއް!