މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއިން ހުށަހަޅާފައިވާ އެންމެ ފަހުގެ ހުށަހެޅުމަށް، އީރާނުން ދޭނެ ޖަވާބު މި ރެއާ ހަމައަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިރޭ ސިޓީއެއް ލިބޭނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާއިން ހުށަހެޅި ކަންތައްތަކުގެ ތަފުސީލެއް ޓްރަމްޕް ހާމައެއް ނުކުރައްވަ އެވެ.

އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާން މަސައްކަތްކުރި ކަމަށް ބުނެ، އީރާނުގެ ދެ ތެޔޮ ޓޭންކަރަކަށް ހުކުރު ދުވަހު އެމެރިކާއިން ހަމަލާދީ، އެ އުޅަނދުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފަ އެވެ.

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ހަމަލާތަކެއް ދީފައިވެއެވެ. މީގެ ރައްދުގައި އީރާނުން ވަނީ އެ ސަރަހައްދުގައި ހުރި އިޒްރޭލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅި ވެސް އީރާނުން ވަނީ ބަންދުކޮށްފަ އެވެ.

ތިން މަސް ދުވަހަށް ދެމިގެންގޮސްފައިވާ މި ހަނގުރާމަ ހުއްޓުވުމަށްޓަކައި ޕާކިސްތާނުން ދަނީ އެމެރިކާ އާއި އީރާނުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ. ނަމަވެސް، މިހާތަނަށް ހުށަހެޅުނު އެއްވެސް ސުލްހައިގެ ހުށަހެޅުމަކަށް ދެ ފަރާތުން އެއްބަސްވެފައެއް ނުވެއެވެ.