މެދުއިރުމަތީގެ ހަނގުރާމައިގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އެ ގައުމުން އީރާނަށް އަމާޒުކޮށް އާންމުކޮށް އިއުލާނުނުކޮށް ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށް މިކަމުގެ މައުލޫމާތު ލިބިފައިވާ ހުޅަނގުގެ ދެ އޮފިޝަލަކާއި އީރާނުގެ ދެ އޮފިޝަލަކު ހާމަކޮށްފި އެވެ.
ކުރިން ރިޕޯޓްކޮށްފައިނުވާ މި ހަމަލާތަކަކީ، ސައުދީ އަރަބިއްޔާއިން ސީދާ އީރާނުގެ ބިމަށް އަސްކަރީ ހަމަލާއެއް ދިން ކަމަށް އެނގުނު ފުރަތަމަ ފަހަރެވެ. މިއީ ސަރަހައްދީ ގޮތުން އެ ގައުމުގެ އެންމެ ބޮޑު ވާދަވެރިޔާއާ ދެކޮޅަށް ސައުދީން ސިއްރުން ދިން ހަމަލާތަކަކެވެ.
ހުޅަނގުގެ ދެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ސައުދީ ވައިގެ ސިފައިން ދިން މި ހަމަލާތަކަކީ މާޗު މަހުގެ ފަހުކޮޅު ދީފައިވާ ހަމަލާތަކެއް ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން އެއް އޮފިޝަލަކު ވިދާޅުވީ މިއީ ސައުދީއަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. ނަމަވެސް މި ހަމަލާތައް އަމާޒުކުރި ވަކި ތަންތަނަކީ ކޮބައިކަން ހާމަކޮށްފައިނުވެއެވެ.
މިކަމާ ގުޅޭގޮތުން ސައުދީ ހާރިޖީ ވުޒާރާގެ އިސް އޮފިޝަލަކާ ރޮއިޓާސްއިން ސުވާލުކުރުމުން، އެފަދަ ހަމަލާތަކެއް ދިންތޯ ނުވަތަ ނޫންތޯ ސީދާ ގޮތެއްގައި ޖަވާބެއް ނުދެއްވަ އެވެ. އަދި އީރާނުގެ ހާރިޖީ ވުޒާރާއިން ވެސް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމެރިކާއާއެކު ވަރުގަދަ އަސްކަރީ ގުޅުމެއް އޮންނަ ސައުދީ އަރަބިއްޔާއަކީ އާންމުގޮތެއްގައި ދިފާއީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވާ ގައުމެކެވެ. ނަމަވެސް 10 ހަފުތާއަށް ދެމިގެންދިޔަ ހަނގުރާމައިގެ ސަބަބުން، އެމެރިކާގެ އަސްކަރީ ހިމާޔަތް އޮތް ނަމަވެސް ސައުދީއަށް ހަމަލާތައް އަމާޒުވުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ގަލްފުގެ އަރަބި ގައުމުތަކުން ރައްދު ދޭން ފެށުން
ސައުދީން ދިން މި ހަމަލާތަކުން ދޭހަވަނީ ހަމަނުޖެހުންތައް އިތުރަށް ފުޅާވަމުންދާ މިންވަރެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭން ފެށި ވައިގެ ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައިގެ ތެރެއަށް، މުޅި މެދުއިރުމަތި އާންމުންނަށް ނޭނގޭ ގޮތަށް ހަނގުރާމައިގައި ޝާމިލްވަމުންދިޔަ މިންވަރު މިއިން ހާމަވެއެވެ.
އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކަށްފަހު، އީރާނުން ވަނީ ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ހަ ގައުމަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ. މި ހަމަލާތައް އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން، އެއާޕޯޓްތަކަށާއި ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށްފައިވެއެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި ވެސް ވަނީ ބަންދުކޮށްފަ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް އީރާނަށް އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން މެއި 11 ގައި ރިޕޯޓްކޮށްފައިވެއެވެ. ސައުދީއާއި އެމިރޭޓްސްގެ މި އަމަލުތަކުން އެނގިގެންދަނީ، މިހާތަނަށް ފޮރުވިފައި އޮތް ހަގީގީ ހަނގުރާމައިގެ ސޫރަ އެވެ. އެއީ އީރާނުގެ ހަމަލާތަކުން ގެއްލުން ލިބެމުންދިޔަ ގަލްފުގެ ރަސްކަންތަކުން ރައްދު ދޭން ފެށިކަމެވެ.
ނަމަވެސް މި ދެ ގައުމުގެ ސިޔާސަތު ތަފާތެވެ. ޔޫއޭއީ އިން ގެންގުޅެނީ މާ ހަރުކަށި އުސޫލެކެވެ. އެ ގައުމުން ބޭނުންވަނީ އީރާނަށް އޭގެ އަގު ދައްކުވާށެވެ. އަދި އީރާނާއެކު ސިޔާސީ ގޮތުން ވާހަކަދައްކަނީ ވަރަށް މަދުންނެވެ.
އޭގެ ބަދަލުގައި ސައުދީ އަރަބިއްޔާއިން މަސައްކަތް ކުރަނީ ހަމަނުޖެހުންތައް އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށެވެ. އެގޮތުން ރިޔާދުގައި ހުންނަވާ އީރާނުގެ ސަފީރު މެދުވެރިކޮށް އީރާނާއެކު ގަވާއިދުން ގުޅުން ބާއްވަމުންދެ އެވެ.
ސައުދީ ހާރިޖީ ވުޒާރާގެ އިސް އޮފިޝަލް، އީރާނާއެކު ހަމަނުޖެހުން ކުޑަކުރުމުގެ އެއްބަސްވުމެއް އޮތްތޯ ސީދާ ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވީ، ސަރަހައްދުގެ ހަމަޖެހުމާއި، ސަލާމަތާއި، ތަރައްގީއަށްޓަކައި، މަސްލަހަތު އިސްކުރުމާއި ހަމަނުޖެހުންތައް ކުޑަކުރުމަށް ސައުދީން އަބަދުވެސް ވަކާލާތުކުރާ ކަމަށެވެ.
ހަމަލާތަކަށްފަހު މަސްލަހަތު ގާއިމުކުރުން
އީރާނާއި ހުޅަނގުގެ އޮފިޝަލުން ބުނާގޮތުގައި، ސައުދީން ދިން ހަމަލާތަކުގެ މައުލޫމާތު އެ ގައުމުން އީރާނަށް އެންގި އެވެ. މިއަށްފަހު ވަރުގަދަ ސިޔާސީ މަޝްވަރާތަކެއް ކުރެވުނެވެ. އަދި އިތުރަށް ހަމަލާދޭނެ ކަމުގެ އިންޒާރު ސައުދީން ދިނުމާ ގުޅިގެން، ދެ ގައުމުގެ މެދުގައި ހަމަނުޖެހުންތައް ކުޑަކުރުމުގެ އެއްބަސްވުމަކަށް އާދެވުނެވެ.
އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ އީރާނު ޕްރޮޖެކްޓް ޑިރެކްޓަރު އަލީ ވާއިޒް ވިދާޅުވީ، ސައުދީން ބަދަލުހިފުމުގެ ހަމަލާ ދިނުމަށްފަހު މަސްލަހަތު ގާއިމުކުރުމަކީ، ކޮންޓްރޯލުން ނެއްޓިގެންދާ ހަނގުރާމައެއްގެ ސަބަބުން ލިބޭނެ ގެއްލުން ބޮޑުވާނެކަން ދެ ގައުމުން ވެސް ގަބޫލުކުރާކަމުގެ ހެއްކެއް ކަމަށެވެ. މިއީ އިތުބާރަށްވުރެ ބޮޑަށް، ބޮޑު ހަނގުރާމައަކަށް ކަންކަން ބަދަލުވިޔަނުދިނުމަށް ދެ ގައުމުން ވެސް ބޭނުންވާކަން ހާމަކޮށްދޭ ކަމެކެވެ.
މި ނުރަސްމީ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ، އެޕްރީލް 7 ގައި އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމުގެ އެއް ހަފުތާ ކުރިންނެވެ. ވައިޓް ހައުސްއިން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އީރާނުގެ އޮފިޝަލަކު ކަށަވަރުކޮށްދިން ގޮތުގައި، ތެހެރާނާއި ރިޔާދުން ވަނީ ހަމަނުޖެހުން ކުޑަކުރުމަށް އެއްބަސްވެފަ އެވެ. މިއީ ދެ ގައުމުގެ މަސްލަހަތު ހިމާޔަތްކޮށް، ދެކޮޅުވެރިކަން ނައްތާލުމަށް އެޅި ފިޔަވަޅެކެވެ.
ޒަމާނުއްސުރެ ހިޔާލުތަފާތުވުންތައް އޮންނަ އީރާނާއި ސައުދީ އަރަބިއްޔާއަކީ މެދުއިރުމަތީގެ ޝީއީ އަދި ސުންނީ ބާރުތަކެވެ. މި ދެ ގައުމުން ދަނީ ސަރަހައްދުގެ އެކި ހަނގުރާމަތަކުގައި އިދިކޮޅު ފަރާތްތަކަށް ތާއީދުކުރަމުންނެވެ.
ނަމަވެސް، 2023 ވަނަ އަހަރު ޗައިނާ މެދުވެރިވެގެން ވެވުނު އެއްބަސްވުމެއްގެ ދަށުން ދެ ގައުމުގެ ގުޅުން ވަނީ އަލުން ގާއިމުކޮށްފަ އެވެ. އޭގެ ތެރޭގައި ޔަމަނުގެ ހޫތީންނާއި ސައުދީއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.
ރަތްކަނޑުގެ މަގުތައް ހުޅުވިފައި އޮތުމުން، ގަލްފުގެ އެހެން ގައުމުތަކާ ހިލާފަށް ސައުދީއަށް ވަނީ ހަނގުރާމައިގެ ތެރޭގައި ވެސް ތެޔޮ އެކްސްޕޯޓްކުރުން ކުރިއަށް ގެންދެވިފަ އެވެ. މީގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ލިބޭ ގެއްލުންތައް ކުޑަކުރެވި، ހަނގުރާމައިގެ އަސަރުތަކުން ނިސްބަތުން ސަލާމަތްވެފައި އޮތުމުގެ ފުރުސަތު އެ ގައުމަށް ވަނީ ލިބިފަ އެވެ.
ކެއިންބުއިމުގެ ސަބަބުން ދަރިމައިވުމުގެ ސިއްހަތަށް އަސަރު ކުރޭތަ؟
450 މީހެއްގެ އަތުން ފްލެޓް އަތުލި ކަމަށް މުއްތަލިބު ވިދާޅުވެއްޖެ
33 އަހަރަށްފަހު "ދަ ލޭޓް ޝޯ" ހުއްޓާލަނީ!