ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެން، ބަލިފެތުރޭ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުތަކަށް ދަތުރުނުކުރުން މުހިންމު ކަމަށެވެ.
މިހާރު ފެތުރެމުންދާ އެބޯލާގެ ބާވަތަކީ ބަންޑިބުގްޔޯ ވައިރަހެވެ. އެބޯލާގެ ޒައިރޭ ކިޔާ ބާވަތަށް ޚާއްސަ ވެކްސިންތަކެއް އުފައްދާފައިވީ ނަމަވެސް، މިހާރު ފެތުރެމުންދާ ބަންޑިބުގްޔޯ ބާވަތަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް އުފެއްދިފައެއް ނުވެ އެވެ.
އެހެންކަމުން ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހީ އިރުޝާދުތަކަށް ބޯލެނބުމާއި، ބަލިޖެހިފައިވާ މީހުންނާ ގާތްނުވުމަކީ މިވަގުތަށް އޮތް އެންމެ މުހިންމު ފިޔަވަޅެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގެ ސިއްހީ އިދާރާތަކުން މި ހާލަތު ވަރަށް ގާތުން މޮނީޓާ ކުރަމުންދާ ކަމަށެވެ. އަދި ބަލިމަޑުކަމާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް އާންމުންނާ ހިއްސާކުރަމުންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ޑަބްލިޔުއެޗްއޯ އިން ބުނާގޮތުގައި މި ބަލީގައި މިފަހުން ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން 80 މީހަކު ވަނީ މަރުވެފަ އެވެ.
ކޮންގޯއާ ބޯޑަރު ހިއްސާކުރާ ގައުމުތަކަށް މި ބަލި ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.
މި ބަލީގެ އިންކިއުބޭޝަން ޕީރިއަޑަކީ ދެ ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެކެވެ. ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިވުން ހިމެނެއެވެ. ބަލި ބޮޑުވަމުންދާ ވަރަކަށް ހޮޑުލުމާއި ބޭރަށް ހިންގުން ކުރިމަތިވެ، ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ހުއްޓި، އެތެރެއަށާއި ބޭރަށް ލޭ ފޭބުމުގެ މައްސަލަތައް ކުރިމަތިވެ އެވެ.
ކެއުމުން އުފާ ލިބިގަތުމަކީ ބަރުދަން ލުއިވުމުގެ ސިއްރު!
3 ރައީސުންގެ އިއްތިހާދުން މާދަމާ ފުރަތަމަ ފަހަރަށް ބައްދަލުވަނީ
