ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ޙަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ފެށިގެން ކުރިއަށް އެބަދެ އެވެ. މިޖަލްސާ ފެށުނުއިރު 67 މެމްބަރުން ތިއްބެވި އެވެ.
މަޖިލިސް ފަށްޓަވަމުން ނައިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވީ މިޖަލްސާގެ އެޖެންޑާގައި އޮތީ ރިޔާސަތުން އަންގާ އެންގުމެއް އެކަނި ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިރޭ 08:30 ހާއިރު ނީލޯފަރު ހިނގުމުގައި ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނަށް ލިބުނު ޒަޚަމްތަކަށް މިހާރުދަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން. ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް މިރޭ ދީފައިވާ ޓެރަރިސްޓް ޙަމަލާ އަޅުގަނޑުގެ އަމިއްލަ ނަމުގައާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެމްބަރުންގެ ނަމުގައާއި އަދި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ ނަމުގައި ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން،" ޖަލްސާ ފަށްޓަވަމުން އީވާ ވިދާޅުވި އެވެ.
މި ފިނޑި ޓެރަރިސްޓް ޙަމަލާ ރައްޔިތުންގެ މަޖިލީހުން ކުށްވެރި ކުރާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގެ މަލްޓި ސްޕެޝަލިޓީ ޓީމަކުން މިހާރު ގެންދަވަނީ ފަރުވާ ދެމުން ކަމަށާއި އެމަނިކުފާނުގެ ސިއްޙީ ހާލަތާ ގުޅޭގޮތުން ޑޮކްޓަރުންގެ ޓީމުން މަޢުލޫމާތު ހާމަކުރައްވާ މިންވަރަކުން މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނާ ހިއްސާ ކުރާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިކަން ތަހުގީގު ކުރަމުންދާ ކަމަށާއި މި މަޢުލޫމާތު ވެސް ލިބޭ މިންވަރަކުން ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދުގެ ސިއްޙީ ހާލުކޮޅާގުޅޭ ފުރިހަމަ މަޢުލޫމާތި ލިބެންދެން އަޅުގަނޑު ގަސްތު ކުރަނީ މިޖަލްސާ ނިންމާނުލާ ކުރިއަށް ގެންދަން. އަޅުގަނޑު ގަސްތެއް ނުކުރަން މިވަގުތުގާ އެއްވެސް ކަލަހަ ބަހުސެއް ހިންގާކަށް. އެހެންނަމަވެސް ތަހުގީގާ ގުޅޭގޮތުންނާއި ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ލިބޭ މަޢުލޫމާތުތައް ހިއްސާ ކުރަމުންދާނަން. އަދި ފަހު ވަގުތެއްގައިވެސް ޖަލްސާއަށް ގޮވާލާނަން. އަޅުގަނޑު ގަސްތު ކުރަނީ މެމްބަރުން ޖަލްސާގައި ތިއްބަވަން. މެދު ކަނޑާލިކަމުގައިވިޔަސް ޖަލްސާ ނިންމައެއް ނުލަން،" ރިޔާސަތުން އިއުލާންކުރި އެވެ.
މިރޭ 8:30 އެހާކަށްހާއިރު އެމަނިކުފާނު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެ މަނިކުފާނަށް ވަނީ އަނިޔާވެފަ އެވެ. މިހާރު އޭޑީކޭ ހޮސްޕިޓަލްގައި އެމަނިކުފާނަށް ދަނީ ފަރުވާދެމުންނެވެ.
ރައީސް ނަޝީދުގެ ހަށިގަނޑުގެ ބޭރުފުށުން ވަރަށް ގިނަ ޒަޚަމްތައް އެބަހުރި ކަމަށާއި ބައެއް ޒަހަމްތައް ސާފުކޮށް ބައެއް ޒަހަމްތައް ފަހާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ޒަޚަމްތައް ގިނަކަމުން ފަރުވާ ދެނީ ހޭނައްތައިގެން ކަމަށާއި އެހެންނަމަވެސް ނަޝީދުގެ އެތެރެހައްޓަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.