ގައުމުގެ މިސްރާބު މިހާރު ހުރި ގޮތުން، ކަންކަން އިސްލާހުކުރުމަށް ރަނގަޅު މަސައްކަތްތަކެއް އެކުގައި ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ތިން ރައީސުންގެ އިއްތިހާދުން މިއަދު ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރީގެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އާއި މުހައްމަދު ނަޝީދު އަދި އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ތާރީޚީ ބައްދަލުމެއް ބާއްވަވައި، އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައިފަ އެވެ. އެއަށްފަހު އެ ތިން ރައީސުންގެ ފަރާތްޕުޅުން ހަ މެންބަރުން އެކުލެވޭ ޚާއްސަ އިއްތިހާދެއް ވެސް ވަނީ އެކުލަވައިލާފަ އެެވެ.
ކޮމިޓީގައި ތިން ރައީސުން ތަމްސީލުކުރައްވާ މަންދޫބުންނަކީ:
- ރައީސް ނަޝީދު: ފައްޔާޒު އިސްމާއީލް (އެމްޑީޕީގެ ކުރީގެ ޗެއާޕާސަން) އަދި އީވާ އަބްދުﷲ (މަޖިލީހުގެ ކުރީގެ ނައިބު ރައީސް)
- ރައީސް ސޯލިހު: އަހުމަދު ސަލީމް (މަޖިލީހުގެ ކުރީގެ ނައިބު ރައީސް) އަދި މުހައްމަދު ރަޝީދު ހުސައިން، (އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު)
- ރައީސް ޔާމީން: މުހައްމަދު މަލީހު ޖަމާލް (ކުރީގެ މިނިސްޓަރު) އަދި އިސްމާއިލް ޒަރިޔަންދު (މާލޭގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި)
މިއަދު މި މެންބަރުން ވަނީ އެކުގައި ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ އުންމީދު ބޮޑު ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުން އެކުގައި މަސައްކަތް ކުރަން ނިންމެވި ނަމަވެސް، މިއީ ރިޔާސީ އިންތިހާބަށް އަމާޒުކޮށްގެން ހެދި ކޯލިޝަނެއް ނޫން ކަމަށް ސާފުކޮށްދެއްވާފައިވެ އެވެ. އަދި ތިން ރައީސުންގެ ފަރާތްޕުޅުން އެކުލަވައިލި މި އިއްތިހާދުގެ މައިގަނޑު ބޭނުމަކީ ގައުމުގެ މިހާރުގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން، ސަރުކާރުގެ ނުރަނގަޅު ކަންކަން އިސްލާހުކޮށް، ގައުމު ހަމަމަގަށް އެޅުވުމަށް ގުޅިގެން މަސައްކަތް ކުރުން ކަމަށް އެ ރޭ އެ ތިން ބޭފުޅުން ވެސް ވިދާޅުވި އެވެ.
ޔޫސުފް ވަހީދު، އެޗްޑީސީގެ ބޯޑުން ވަކިކޮށްފި
މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި