ރޯދަމަހު ރޯދަވީއްލުމަކީ އަހަރުމެން އެންމެންނަށް ވެސް ހާއްސަ ކަމެކެވެ. ގޭގައި ރޯދަ ވީއްލާނަމަ ތަފާތު ބާވަތްތަކުން ސުފުރާ ފަޅުފިލުވޭތޯ ކޮންމެ ގެއަކުން ވެސް ބަލަ އެވެ. ގެއިން ބޭރުން ރޯދަ ވީއްލާނަމަ އެންމެ ފެންވަރު ރަނގަޅު ރެސްޓޯރެންޓަކަށް ދެވޭތޯ ދިވެހިން ބަލަ އެވެ.
ކުރީ އަހަރާއި ޚިލާފަށް މިއަހަރު ފާހަގަވެފައިވާ އެއް ކަމެއް އެބައޮތެވެ. ފާއިތުވި އަހަރު ރޯދަމަހުގެ ރޯދަވީއްލުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވުން މަދުވެފައި އޮތުމަށްފަހު މިއަހަރު އަނެއްކާ ވެސް އެ ފޮޓޯތައް ފެންނަން ފަށައިފި އެވެ.
ލޮކްޑައުންއިން ވީއްލިފައި އޮތުމާއެކު މިއަހަރުގެ ރޯދަ މަހަށް ގިނަ ރެސްޓޯރެންޓުތަކުން ތަފާތު އެކި ނަންނަމުގައި އިފްތާރު ޕެކޭޖުތައް ތައާރަފުކުރި އެވެ. ހިތް އަތުލާފަދަ މެނޫތަކާއެކު އެ ތަންތަނުން އާއްމުންނަށް ދޫކޮށްލީ ތަފާތު ރޯދަ ވީއްލުމެއް ތަޖުރިބާކޮށްލުމުގެ ފުރުސަތެވެ. އާއިލާއާއި ރަހުމަތްތެރިންނާއެކު ތަފާތު މާހައުލަކުން ފެންވަރު ރަނގަޅު ހިދުމަތެއް ހޯދުމުގެ ފުރުސަތެވެ.
މި ފުރުސަތުގެ ބޭނުން ގިނަ ދިވެހިން ހިފި އެވެ. ކޮންމެ ދުވަހަކު ވެސް ރެސްޓޯރެންޓުތަކަށް ދަނީ އޮބިނޯވެގެން ނެވެ. އާއިލާތަކާއި ރަހުމްތެރިންނެވެ. އެކުގައި މަސައްކަތް ކުރާ މީހުންނާއި ކްލާސް މޭޓުންނެވެ.
އެއާއެކު ސޯޝަލް މީޑިއާގައި ރޯދަވީއްލުންތަކުގެ ފޮޓޯތައް ތިޔާގިވި އެވެ. ރެސްޓޯރެންޓުތަކުގެ ތަނަވަސް ސުފުރާތައް ކެމެރާތަކަށް އަރައި ކެމެރާތަކުން ސޯޝަލް މީޑިއާއަށް އަރަން ލަހެއް ނުވެ އެވެ. ދަންނަ ކޮންމެވެސް ރަހުމަތްތެރިއަކު އެފަދަ ފޮޓޯއެއް ހިއްސާ ނުކުރާ ދުވަހެއް ނުދެ އެވެ. ފޭސްބުކްގެ ފީޑުގައި އިރުއޮއްސޭ ދަޅައަށް އެޅުމާއެކު ފެންނަނީ ރެސްޓޯރެންޓުތަކަށް އެއްވެފައިވާ މީހުންނެވެ. އެމީހުންގެ އިސްތިގުބާލުގައި ތައްޔާރު ކޮށްފައި ހުންނަ ފަސްތަރީގެ ރޯދަވީއްލުމެވެ.
ކޮންމެއަކަސް ކުރީ އަހަރަށްވުރެ މި ރޯދަމަސް ތަފާތުކަން ދައްކައިފި އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން އެކަން އެނގެ އެވެ.