މި ރަމަޟާން މަހު މާތްވެގެންވާ މަސްޖިދުލް ޙަރަމް ސާފު ކުރުމަށްޓަކައި ދުވާލަކު 70،000 ލީޓަރަށްވުރެ ގިނަ ސާފުކުރަން ބޭނުންކުރާ ޑިސްއިންފެކްޓަންޓް ލިކުއިޑް ބޭނުންކުރާ ކަމަށް ދެ ހަރަމް ބަލަހައްޓާ ސައޫދީ އަރަބިއާގެ ވުޒާރާއިން ބުނެފި އެވެ.

އެ ވުޒާރާއިން ވަނީ މިއަހަރުގެ ރަމަޟާން މަހު ހަރަމްފުޅުގައި އަޅުކަން ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެގޮތުން ކައުބާގައި އުމުރާގެ އަޅުކަން އަދާކުރާ މީހުން މާސްކު އަޅައި އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ޖެހޭއިރު މީހުން ހިނގުމަށް ހާއްސަ މަގުތަކާއި ސެނިޓައިޒޭޝަން ސްޓޭޝަންތައް ވަނީ ހަރަމްފުޅުގެ އެކި ހިސާބުތަކުގައި ގާއިމު ކުރެވިފަ އެވެ.

ދުވާލަކު 1،500 ލީޓަރަށްވުރެ ގިނަ ހުވަނދާއި އަތަރު ކައުބާގައި ބޭނުންކުރެވޭއިރު ދުވާލަކު މަދުވެގެން 10 ފަހަރު ހަރަމްފުޅުގެ ހުރިހާ ސަރަހައްދެއް ސާފުކުރެ އެވެ.

އަޅުކަން ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ޔަގީން ކުރުމަށްޓަކައި 750 ގައިޑުންނާއި 4،000 ސާފު ކުރާ މީހުން ހަރަމްފުޅުގައި މެދުކެނޑުމެއްނެތި ހަރަކާތްތެރިވެ އެވެ.