﴿وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ﴾ (سورة القدر: ٢) މާނައީ: "އަދި ليلةالقدر ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟" ﴿لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ﴾ (سورة القدر: ٣) މާނައީ: "ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ."
ލައިލަތުލް ޤަދްރި އަކީ ޢަރަބި ލަފްޒެކެވެ. ދެ ބަހެއްގެ މައްޗަށް އެކުލެވިގެންވާ މުރައްކަބު ލަފްޒެކެވެ. لَيْلَة އާއި الْقَدْر އެވެ. لَيْلَةގެ މާނައަކީ ރޭގަނޑެވެ. الْقَدْرގެ މާނައަކީ މިންވަރެވެ. ނުވަތަ މިންކުރެއްވުމެވެ. އެހެންކަމުން އެއީ މިންކުރެވޭ ރެ އެވެ. އެ ރެއަކީ ކޮން ރެއެއްކަން އިތުރު އެކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ. ﷲ سبحانه وتعالى ސުވާލު ކުރައްވާފައި އެ ވަނީ އެ ރޭގެ ޚަބަރު އެކަލޭގެފާނަށް ދެއްވުމަށް އެކަލޭގެފާނުގެ ސަމާލުކަށް ހޯއްދެވުމުގެ ގޮތުންނެވެ. މާނައަކީ، ބުނަން އުޅޭ ޚަބަރުގެ މުހިއްމުކަމުން އެކަމުގެ ތަންބީހު ދެއްވުމަށެވެ.
އެ ވަރުގެ ސަމާލުކަމެއް ހޯއްދެވުމަށްފަހު ވަޙީ ކުރައްވަނީ އެ ރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއްކަމެވެ. މި އާޔަތްތަކުގެ ކުރިން ވަޙީކުރަށްވަނީ ޤުރުއާން ބާވައިލެއްވީ އެ ރޭގައި ކަމެވެ. ﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ﴾ (سورة القدر: ١) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ." ޤުރުއާން ބާވައިލެއްވުނު ރެއަކީ މާތްކަމުން ފުރިގެންވާ ރެއެކެވެ. ބަރަކާތްތެރި ރެއެކެވެ. ﴿إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ﴾ (سورة الدخان: ٣) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ." އެ ޤުރުއާނަކީ ޙައްޤާއި ބާޠިލު ވަކިކޮށްދިނުމާ އެކު އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވެވި ފޮތެކެވެ. ޤުރުއާން ބާވައިލެއްވުނީ ރަމަޟާންމަހެއްގައެވެ. އެކަން ބަޔާން ކުރައްވައި ﷲ تعالى އަންގަވަނީ ﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ (سورة البقرة: ١٨٥) މާނައީ: "رمضان މަހަކީ، އެ މަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ."
ބަޔާންވެދިޔަ އާޔަތްތަކުން އެނގެނީ ޤުރުއާން ބާވައިލެއްވުނީ ރަމަޟާންމަހެއްގައި ކަމެވެ. އަދި ލައިލަތުލްޤަދްރި ވިލޭރޭގައި ކަމެވެ. އެހެންކަމުން އޭގެން އެނގެނީ ލައިލަތުލްޤަދްރި އެއީ ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން ރެއެއް ކަމެވެ. ކޮންމެއަކަސް އެ ބަރަކާތްތެރި ރޭގެ ބަރަކާތްތެރި ޙަފްލާއަކީ ޤުރްއާން ބާވައިލެއްވުނު ބާވައިލެއްވުމެވެ. އެ ޤުރްއާނުގެ މަޤްޞަދަކީ ކޮބައިކަން ވެސް އެނގިއްޖެއެވެ. އެ މަޤްޞަދުތައް އިންސާނުން ޙާޞިލް ނުކުރާނަމަ ދެން އެ ޤުރްއާނުގެ މެހެފިލް އާރޯކޮށް ތާޒާކޮށް ދިރުވުމުގެ އެއްވެސް ބޭނުމެއް އެބައޮތް ހެއްޔެވެ؟
އެ ޤުރުއާނަކީ، ފަހަރެއްގައި ވެސް ދޫކޮށްލެވިގެންވާނެ އެއްޗެއް ނޫނެވެ. މި ދެންނެވީ ދެ އަތުން އޭގައި ހިފަހައްޓައި މެއާލައި ބައްދާ އެއަށް ބޮސްދީ، އެ ފޮތުގައި ބޯއަޅައިގެން އޮވެ ރޮއެހޭރޭ ވާހަކައެއް ނޫނެވެ. އެކަމަކަށްޓަކައި ޤުރުއާން ބާވައިލެވުނު ޙައްޤާއި ބާޠިލް ވަކިކޮށް ދެނެގަންނަ ވާހަކައެވެ. އެ ފޮތުން ދޭ ހިދާޔަތު ލިބުމަށްއެދި އެ ފޮތް ކިޔަވައި އޭގައި އަންގަވާ ޙުކުމްފުޅުތަކަށް ކިޔަމަންގަންނަ ވާހަކައެވެ. އަމުރު މަޢުރޫފުކޮށް މުންކަރު ނަހީކުރާ ވާހަކައެވެ. އަމުރުތަކަށް ކިޔަމަންތެރިވެ، ނަހީތަކާ ދުރަށްދާ ވާހަކައެވެ. އެ ފޮތުން ޙަލާލުކުރެއްވި ތަކެތި ޙަލާލުކަމުގައި ބަލައިގަނެ، ޙަރާމް ކުރެއްވި ތަކެތި ޙަރާމްކަމުގައި ބަލައިގަންނަންވީ ވާހަކައެވެ. ތިމަތިމާމެންގެ ޙަޔާތުގެ ކޮންމެ ކަމަކަށް އެ ޤުރުއާނުން އިރުޝާދު ލިބިގަންނަންވީ ވާހަކައެވެ. އޭގައި އަންގަވާގޮތަށް ހަޔާތުގެ ނައު ދުއްވަންވީ ވާހަކައެވެ. އެ ފޮތް ތިމާގެ މުޅި ޙަޔާތުގެ މަގުޗާޓަށް ހަދަންވީ ވާހަކައެވެ. އެހެން ނުވެއްޖެނަމަ ޤިޔާމަތް މަޙުޝަރު ދުވަހުން، އެ ފޮތް އެ ބޭކަލަކަށް ބާވައިލެއްވި މި އުއްމަތުގެ މާތް ޞާޙިބާ محمد بن عبد الله (صلوات الله وسلامه عليه) އެކަލޭގެފާނުގެ އުންމަތުގެ މީހުންގެ ޝަކުވާއިން ޝަކުވާ ކުރާހިނދު އެ ޝަކުވާގެތެރޭ ޝާމިލުވާ ބަޔަކު ކަމުގައި ވެދާނެއެވެ. ﴿وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَٰذَا الْقُرْآنَ مَهْجُورًا﴾ (سورة الفرقان: ٣٠) މާނައީ: "رسول އާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ قوم ގެމީހުން، މި قرآن އަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ."
އެ ފޮތުގެ މާތްކަން ލިބިގަންނަން އޮތީ ދެ ގޮތުންނެވެ. އެއީ އޭގެ އާޔަތްތަށް ކިޔެވުމާއި އެ އާޔަތްތަކަށް ޢަމަލު ކުރުމެވެ. މިކަންކަން ކުރުމާ ފޭއަށް ގޮސްފައިތިބެވޭ އިންސާނުންނަށް ރަމަޟާންމަހަކީ އަލުން ޤުރުއާނާ ގާތްވާން ލިބޭ ރަނުގެ ފުރުޞަތެކެވެ. މުޅި މައްސަރުގައި މި ވަނީ ޤުރުއާނުގެ އަޑު އިސްލާމީ މުޖްތަމަޢުތަކުގައި ގުގުމާފައެވެ. ވަކިން ޚާއްޞަގޮތެއްގައި އެ މަހުގެ ފަހުދިހައިގެ ދުވަސްތަކުގައެވެ. އޭގެތެރޭ ލައިލަތުލްޤަދްރި ވާނެކަން ޙަދީޘްފުޅުގައި ބަޔާންވެފައި އޮންނާތީއެވެ. ލައިލަތުލްޤަދްރި ވިލޭރޭ އެހާގިނަގުނަ ސަވާބާއި ދަރުމަ، އެބަހީ 1000 އަހަރުގެ ހެޔޮކަން ލިބޭގޮތަށް އޮންނަނީ އެ ޤުރުއާނުގެ ޝަރަފަށްޓަކައެވެ. މީސްތަކުން އޭގެ މަތިން ހަނދާން ނެތި ނުކުރުމަށެވެ. އެ ޤުރުއާނުގެ ތަންޒީލު މެހެފިލް ކުރުމަށެވެ.
ހަމައެއާއެކު ލައިލަތުލްޤަދިރި އެއީ ވަކިން ޚާއްޞަކޮށް މިވެނި ރެއެއްކަން އެނގެން ނެތުމީ ކުޅަދުންވަންތަ އިލާހެއްގެ ޙިކްމަތްވަންތަކަމެވެ. އޮނަހިރި ރޭތަކުގައި މީސްތަކުން އިތުރަށް ހީވާގިވެ އުޅުމަށް އޮތް އިރުޝާދެއްގެގޮތުންނެވެ. ނަމަވެސް ހިތާމަޔަކީ ބައެއް އިންސާނުންނަށް 27 ވިލޭރެއަށްފަހު އަޅުކަމާ ފޭއަށް ދެވޭކަމެވެ. މިސްކިތާ ދުރުވެވޭ ކަމެވެ. ދީނީ މޫސްމް ބަންދުވީއޭ ހަތަށްއަރާ ކަމެވެ. އެންމެ ބޮޑު ހިތާމައަކީ 29 ވެސް އެއީ އޮނަހިރި ރެއެއްކަން ހަނދާން ނެތޭނެތުމެވެ.
އޭލޮބުވެތި މުސްލިމުންނޭވެ! 29 ވާ އޮނަހިރިރޭގެ މަތިން ހަނދުމަނެތި ނުކުރާށެވެ. ހިތްވަރު އެލުވައިނުލާށެވެ. ފުއްސެވުމާއި ރުއްސެވުމާއި މަޣްފިރަތަށް އެދޭނަމަ އެންމެ ފަހު ދުވަސް ވެސް ދޫނުކުރާށެވެ. އަދި ކިޔެއް، މި ބަރަކާރްތެރި މަހު ހިފުނު ހުރިހާ ރަނގަޅު އާދައެއްގެ މަތީ ދެމިހުންނާށެވެ! ކުރިޔަށް އޮތް ރަމަޟާންމަހަކީ ތިބާގެ ދަޤްދީރުގައި ލިޔުއްވާފައި ނުވާ ދުވަހަކަށް ވެސް ވެދާނެއެވެ.