ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އާ ބޭފުޅަކު އިންތިހާބު ކުރުމަށްޓަކައި މިއަދު މެންދުރުފަހު 1:00 ޖަހާއިރު އިތުރު ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮށްފި އެވެ.
މިއަދު ހެނދުނު 9:00 ގައި ބޭއްވި ޖަލްސާއަށް އެންމެ ފުރަތަމަ ތާވަލްކޮށްފައި އޮތީ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެކެވެ. ނަމަވެސް، ޖަލްސާ ފެށުމުގެ ކުރިން ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހެނދުނުގެ ޖަލްސާގައި މިކަން އިއުލާން ކުރެއްވުމަށްފަހު، އެޖެންޑާގައި އިތުރު ކަމެއް ނެތުމުން އެ ޖަލްސާ ނިންމަވައިލެއްވި އެވެ.
އޭގެ ފަހުން މަޖިލިހުގެ ރައީސް އިއުލާން ކުރެއްވީ މިއަދު މެންދުރު 1:00 ގައި އިތުރު ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އެ ޖަލްސާގެ ރަސްމީ އެޖެންޑާ އަދި އާންމުކޮށްފައި ނުވި ނަމަވެސް، "ހުރިހާ" އަށް އެނގިފައިވާ ގޮތުގައި އެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ނިންމާފައިވަނީ މަޖިލިހުގެ ނައިބު ރައީސަކު އިންތިހާބު ކުރުމުގެ މަސައްކަތެވެ.
ނާޒިމް އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، އޭނާ މަގާމުން ދުރުކުރުމަށް ހުށަހެޅި ގަރާރުގައި ބަޔާންކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެކަންކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ހިމަނާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެންނާއި މެންބަރެއްގެ ހައިސިއްޔަތުންވެސް ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށެވެ.
ޗެނަލް13 ސާވާތައް ހެކްކޮށްފި
ސިއްހަތަށް ފައިދާހުރި ކާނާ ވެސް ހުސް ބަނޑާ ކާނަމަ "ވިހައަކަށް"!
ޓްރަމްޕް ޑިޕްލޮމެސީގެ އުސޫލުތަކާ ހިލާފުވެއްޖެ: އީރާން