ސެސޭޝަން ކްލިނިކްތަކުގެ އެހީތެރިކަމާއެކު މިދިޔަ އަހަރުގެ ތެރޭގައި 200 އަށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިމުއްދަތުގެ ތެރޭގައި ސެސޭޝަން ކްލިނިކްތަކުން ހާހެއްހާ ގިނަ މީހުން ފަރުވާ ހޯދާފައިވެ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ސިއްހީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސިއްހީ ނިޒާމުގައި އެކަން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސައިފަ އެވެ. އެގޮޮތުން ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މިވަބާއިން ސަލާމަތްވުމަށް އެދޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މާލެ ސަރަޙައްދުގައި ހަތަރު ސެންޓަރު އަދި އަތޮޅުތަކުގެ ސިއްހީ ފަރުވާ ފޯރުކޮށްދޭ ހުރިހާ މަރުކަޒެއްގައި މި ހިދުމަތް ވަނީ ޕަބްލިކް ހެލްތުގެ ދަށުން ގާއިމުކޮށްފަ އެވެ.
އެޗްޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ 2025 ވަނަ އަހަރު 225 މީހަކު ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފަ އެވެ. މީގެ ތެރޭގައި މާލެ ސަރަޙައްދުން ހުއްޓާލި، 187 މީހަކާއި އަތޮޅުތަކުން ހުއްޓާލި 68 މީހެއް ހިމެނެ އެވެ. ސެސޭޝަން ފަރުވާ ހޯދާފައިވާ 1045 މީހުން ތިބިއިރު މީގެ ތެރޭގައި 982 ފިރިހެނުންނާއި 63 އަންހެނުން ހިމެނެ އެވެ. މީގެ ތެރެއިން 580 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައި ވަނީ މާލެ ސަރަޙައްދުގަ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށްޓަކައި ފޯރުކޮށްދޭ ފަރުވާ ބިނާވަނީ "ނޭޝަނަލް ޓޮބޭކޯ ސެސޭޝަން ޓޫލް ކިޓް"އަށެވެ. މީގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެދޭ ފަރާތުގެ އެސެސްމަންޓެއް ހެދުމަށްފަހު ދުންފަތަށް ދެވިހިފާފައިވާ މިންވަރު ދެނެގަނެ، ކައުންސިލިން ދިނުމާއި، އާދަތައް ބަދަލުކުރުމަށް ބާރުއެޅުމާއި، ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީގެ އެހީ ފޯރުކޮށްދިނުމާއި، އަނބުރާ ދުންފަތުގެ އިސްތިއުމާލުކުރުމަށް ދިޔުމުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ފަރުވާގެ ތެރޭގައި ހިމެނެ އެވެ. މާލެ ސަރަޙައްދުގައި ސެސޭޝަން ކްލިނިކްތައް ގާއިމުކޮށްފައި ވަނީ އައިޖީއެމްއެޗާއި، ހުޅުމާލޭ ހޮސްޕިޓަލާއި، ދަމަނަވެއްޓާއި، އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
ބްރެޑްއަށް ހަމަ ޖެހުމެއް ނެތް: މުޅިން އާ ދަައުވާއަކާއެކު ކޯޓަށް!
މެޑޮކްސް ވެސް ނަމުން ބައްޕަގެ ނަން އުނި ކުރަނީ!