ލ. ގަމު ކޮމިއުނިޓީ ބީޗު ޕާކުގައި ހުރި ކަރަންޓު ފޮއްޓަކުން ކަރަންޓު ނަގަން އުޅުމުގެ ތެރޭގައި 14 އަހަރުގެ ފިރިހެން ކުއްޖަކު ކަރަންޓުގައި ޖެހުނު ހާދިސާގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު، މިކަމުގައި ކަނޑައެޅިގެން އިހުމާލު އެބައޮތް ކަމަށް ބުނެ ކުއްޖާގެ އާއިލާއިން ބޮޑެތި ސުވާލުތަކެއް އުފައްދައިފި އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ މި ހާދިސާ ހިނގަން މެދުވެރިވީ، އީދު ހުޅުޖަހަން އަތިރިމަތީގައި ތައްޔާރުކޮށްފައި އޮތް ސަރަހައްދު އަލިކުރުމަށް ބޮތްކެއް ދިއްލަން ކޭބަލް އަޅަން އުޅުމުގެ ތެރޭގަ އެވެ. ހާދިސާއާ ގުޅިގެން ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދިނުމަށް ފަހު، މިހާރު ވެންޓިލޭޓަރުން ނަގައި ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ކުއްޖާގެ މަންމަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ކަރަންޓުގެ މައްސަލައެއް ނުވަތަ ޝޯޓެއްވި ވަގުތު ސާކިޓް ޓްރިޕްވެ ކަރަންޓު ކެނޑެން ޖެހޭނެ ކަމަށެވެ. ނަމަވެސް އެގޮތަށް ނުވުމުގެ ސަބަބުން ކުއްޖާގެ ހަށިގަނޑަށް ގިނައިރުތަކެއް ވަންދެން ކަރަންޓު އައިސްފައި ހުރި ކަމަށް އޭނާ ބުންޏެވެ.
އާންމުންގެ ރައްކާތެރިކަމާ ގުޅުންހުރި ކަރަންޓު ފޮށިތައް ފަދަ ތަންތަނަކީ މިއަށްވުރެ ޒިންމާދާރުކަމާއެކު ބަލަހައްޓަންޖެހޭނެ ތަންތަން ކަމަށާއި، ކުޑަކުދިންނަށް އަތްފޯރާ ފަށުގައި އެފަދަ ނުރައްކާތެރި އެއްޗެހި ހުރެގެން ނުވާނެ ކަމަށް މަންމަ ފާހަގަކުރި އެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާތައް ދެން ތަކުރާރު ނުވާނެ ގޮތަށް ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅުމަށް، އެ ރަށަށް ކަރަންޓުގެ ޚިދުމަތްދޭ ފެނަކަ ކޯޕަރޭޝަނަށް އާއިލާއިން ވަނީ ގޮވާލާފަ އެވެ.
ފުލުހުން މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް އާންމު ރައްކާތެރިކަމުގެ މިފަދަ ނިޒާމުތައް ހުންނަ ގޮތުން މުޅި ރަށުގެ ރައްޔިތުންގެ މެދުގައި ވެސް މިހާރު ވަނީ ބިރުވެރިކަމާއި ކަންބޮޑުވުން އުފެދިފަ އެވެ.
ކަރީނާއާއެކު ބޮޑު ސްކްރީން ހިއްސާ ކުރަން ސައިފްގެ ޝަރުތެއް!
ސަރުކާރުގެ ކުންފުނިތަކުން ދެއްކި ހިއްސާގެ ފައިދާ %36 ދަށަށް
އަހާންއާއި އަނީތު އަލުން އެކުގައި ބޮޑު ސްކްރީނަށް!