ހެނދުނު ހޭލައިގެން ބޯލާ ހޫނު ކޮފީ ތަށްޓަކީ ގިނަ ބައެއްގެ ދުވަސް ފެށުމުގެ މުހިންމު ބަޔެކެވެ. ހަމައެގޮތަށް މެންދުރުފަހު ވަރުބަލިކަން ފިލުވާލުމަށް ވެސް ކޮފީ ބުއިމަކީ އާދަ އެކެވެ.

ނަމަވެސް ކޮފީގައި ހުންނަ ކެފެއިން ބޯ ވަގުތާއި އޭގެ މިންވަރުގެ ސަބަބުން، ރޭގަނޑުގެ އަރާމު ނިދި އެއްކޮށް ގެއްލިގެންދާކަން އެނގެނީ މަދު ބަޔަކަށެވެ.

ސިއްހީ މާހިރުންނާއި ސައިންސްވެރިންގެ އާ ހޯދުންތަކަށް ބަލާއިރު ނިދީގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކޮފީ ބުއިން ދުވަހުގެ ވަކި ވަގުތެއްގެ ކުރިން ހުއްޓާލަން ޖެހެ އެވެ.

ކެފެއިން ސިކުނޑިއަށް އަސަރުކުރަނީ ކިހިނެއް؟

އަޅުގަނޑުމެން ހޭލައި އުޅޭއިރު ސިކުނޑީގައި "އެޑިނަސީން" ކިޔާ ކެމިކަލުއެއް އުފެދެމުންދެ އެވެ. މި ކެމިކަލް ގިނަވި ވަރަކަށް މީހާ ވަރުބަލިވެ ނިދި އަންނަން ފަށަ އެވެ.

ކޮފީ ބުއިމުން އޭގައި އެކުލެވޭ ކެފެއިންގެ ސަބަބުން ސިކުނޑީގެ މި ރިސެޕްޓަރުތައް ބްލޮކް ކޮށްލަ އެވެ. ނަތީޖާއެއްގެ ގޮތުން ވަރުބަލިކަން އިހުސާސްނުވެ މީހާ ހީވާގިވެ އެވެ.

ނަމަވެސް މިއީ ވަގުތީ ކަމެކެވެ. ކެފެއިންގެ އަސަރު ކެނޑުމުން ދުވާލު ހަށިގަނޑުގައި އުފެދިފައި ހުރި ހުރިހާ އެޑިނަސީންއެއް އެއްފަހަރާ ސިކުނޑިއަށް ފޯރާ މީހާ މާ ބޮޑަށް ވަރުބަލި ކޮށްލަ އެވެ.

ކޮފީ ބުއިން ހުއްޓާލަންވީ ކޮން އިރަކު؟

ނިދީގެ މާހިރުން ލަފާދޭ ގޮތުގައި ރޭގަނޑު ނިދުމުގެ ހަ ގަޑިއިރާއި ހަތް ގަޑިއިރާ ދެމެދުގެ ވަގުތެއްގެ ކުރިން ކެފެއިން އެކުލެވޭ ބުއިންތައް ބުއިން ހުއްޓާލަން ޖެހެ އެވެ.

ސަބަބަކީ ކޮފީ ތަށީގައި ހުންނަ ކެފެއިންގެ ދެބައިކުޅަ އެއްބައި ހަށިގަނޑުން ބޭރުކޮށް މެޓަބޮލައިޒް ކުރަން ހަށިގަނޑަށް ފަސް ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވެ އެވެ. އެ އަސަރު އެއްކޮށް ހަށިގަނޑުން ފިލަން 12 ގަޑިއިރު ވެސް ނަގާފާނެ އެވެ

.މާހިރުންގެ ލަފާ

އާންމުކޮށް ރޭގަނޑު 10 ނުވަތަ 11 ޖަހާއިރު ނިދާ މީހެއްނަމަ މެންދުރުފަހު 2:00 ގެ ފަހުން ކޮފީ ނުވަތަ ކެފެއިން ހުންނަ ހަކުރު ބުއިންތައް ބުއިން ރަނގަޅެއް ނޫނެވެ.

އެކި މީހުންނަށް ކުރަނީ ތަފާތު އަސަރެއް

ހުރިހާ އެންމެންގެ ހަށިގަނޑުގައި ކެފެއިން މަސައްކަތް ކުރަނީ އެއްގޮތަކަށް ނޫނެވެ. މީގެ ފަހަތުގައި ބައެއް ދިރިއުޅުމުގެ އާދަތަކާއި ޖެނެޓިކްސް ހިމެނެއެވެ.

  • ދޭތެރެ ދުރުކުރާ ބޭސް: އަންހެނުން ދޭތެރެ ދުރުކުރާ ބޭސް ބޭނުން ކުރާނަމަ ހަށިގަނޑުން ކެފެއިން ބޭރު ކުރަން ދެގުނަ އިތުރަށް ވަގުތު ނަގަ އެވެ. އެހެންކަމުން މެންދުރުފަހު ބޯ ކޮފީގެ އަސަރު ރޭގަނޑު މާ ބޮޑަށް ކުރާނެ އެވެ.
  • ދުންފަތުގެ އިސްތިއުމާލު ކުރުން: ސިނގިރޭޓް ބޯ މީހުން، އެހެން މީހުންނަށްވުރެ ދެގުނަ އަވަހަށް ކެފެއިން މެޓަބޮލައިޒް ކުރެ އެވެ.
  • ޖީންސް: ބައެއް މީހުންގެ ފުރަމޭގައި ހުންނަ އެންޒައިމްތަކުގެ ސަބަބުން ކެފެއިން ވަރަށް އަވަހަށް ބޭރުކޮށްލާއިރު، އަނެއް ބަޔަކު ކެފެއިންއަށް މާ ބޮޑަށް ނާޒުކުވެ އެވެ.

ނިދި ނާންނަނަމަ ކުރާނީ ކީއް؟

ނިދަން އުނދަގޫވާނަމަ ނުވަތަ ހިތުގެ ވިންދު އަވަސްވެ، ތުރުތުރު އަޅާނަމަ އެއީ ކެފެއިން ގިނަވުމުގެ ނިޝާނެކެވެ. މާހިރުން ލަފާދެނީ މެންދުރުފަހުގެ ވަގުތުތަކުގައި ކޮފީ ބޯން ބޭނުންނަމަ "ޑިކެފް" ކޮފީއަކަށް ބަދަލު ކޮށްލުމަށެވެ. އަދި އާންމު ބޮޑު މީހަކަށް ދުވާލަކު ތިނެއް ނުވަތަ ހަތަރު ތަށި ކޮފީއަށްވުރެ އިތުރު ނުކުރުމަށް ވެސް ސިއްހީ އިރުޝާދު ތަކުގައިވެ އެވެ.