ފީފާ ވޯލްޑް ކަޕްގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ޗެކް ރިޕަބްލިކް އަތުން ފަހަތުން އަރައި 2-1 އިން ދެކުނު ކޮރެއާ މޮޅުވެއްޖެ އެވެ.

މި މެޗުގެ 59 ވަނަ މިނިޓުގައި ޗެކް ރިޕަބްލިކުން ލީޑު ނެގީ އެ ޓީމުގެ ކެޕްޓަން ލަޑިސްލާވް ކްރެޖްކީ ޖެހި ލަނޑުންނެވެ.

ދެކުނު ކޮރެއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 67 ވަަނަ މިނިޓުގައި ހުވާން އިން ބިއޯމް ޖެހި ލަނޑުންނެވެ. އަދި މެޗުގެ 80 ވަނަ މިނިޓުގައި ދެކުނު ކޮރެއާ އިން ލީޑު ނެގީ ހުވާން ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައި، އޯ ހިޔޯން ގިޔޫ ލަނޑު ޖެހުމުންނެވެ.

މުޅި މެޗުގައިވެސް ގިނައިރު ބޯޅަ ގެންގުޅެ، ކޮންޓުރޯލް އޮތީ ދެކުނު ކޮރެއާގެ އަތުގަ އެވެ. މެޗުގެ ފަހުކޮޅު ޗެކް ރިޕަބްލިކުން މެޗުގެ ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވިއެވެ.

މެޗަށްފަހު ދެކުނު ކޮރެއާގެ ކޯޗު ހޮންގް މިޔުން ބޯ ބުނީ މެޗުން މޮޅުވީ ހިތްވަރާއެކު ކުޅުންތެރިން ކުރި މަސައްކަތުން ކަމަށެވެ.

"ފުރަތަމަ މެޗު މި ވެގެންދިޔައީ ވަރަށް އުނދަގޫ މެޗަކަށް. ކޮޅަށް ލަނޑެއް ވަތް ނަމަވެސް، ކުޅުންތެރިން ހިތްވަރާއެކު ކުރި މަސައްކަތުގެ ނަތީޖާ މިއީ،" ބޯ ބުންޏެވެ.