"އަވަސް އަވަހަށް ފިރިން ބަދަލު ކުރުމަކީ އަންހެން ކުދީންގެ ފަޚުރެކެވެ. އަދި އެ ކުދިންނާ ހިތާވެގެން އަންނަ ފިރިހެނުންގެ ގާތުގައި އެ ކުދިން އިން ފިރިންގެ ގިނަކަމާ އެބައި މީހުންގެ ހުރި ޝުހުރަތާއި ދަރަޖަތައް ކިޔައިދޭނެ އެވެ. މިކަމުން އެބައި މީހުންގެ އަޚުލާގު ދަށަކަށް ނުދެ އެވެ. އަދި ކީއްހޭ ތަންކޮޅެއް ދަނީ ކުރިޔަށެވެ."

މިއީ މީގެ 400 އަހަރަށް ވުރެ ކުރިން ރާއްޖެ އަށް އާދެވި މާލޭގައި ޒަމާންތަކެއް ވަންދެން އުޅުނު ފަރަންސޭސި ލިޔުންތެރިޔާ ފްރާންސްވާ ޕިރާޑު، ދިވެހިންގެ ކައިވެންޏާއި ވަރިއާ ބެހޭ ގޮތުން ލިޔެފައިވާ އިބާރާތެކެވެ. ޕިރާޑަކީ އެ ޒަމާނުގެ ދިވެހިންގެ އާދަކާދަޔާ ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭ ގޮތުން ވަރަށް ފުރިހަމަ ލިޔުމެއް ލިޔުނު ލިއުންތެރިއެކެވެ. ރާއްޖޭގެ އެ ޒަމާނުގެ ވާހަކަ އެއަށް ވުރެ ސާފުކޮށް އެނގެން އޮތް އެހެން ލިއުމެއް ނުވެސް ނެތެވެ.

ދިވެހިންގެ އާދަކާދައިގެ ތެރެއިން ކައިވެންނާއި ވަރީގެ ވާހަކަ ޕިރާޑް ވަނީ ވަރަށް ތަފުސީލު ކޮށް ގެންސެދީފަ އެވެ. އޭރުގެ ދިވެހިން ކައިވެންޏާ ބެހޭ ގޮތުން ދަމަހައްޓާ އުސޫލުތަކާއި ހަމަޖެހިފައި ހުންނަ ގަވާއިދުތައް ވަރަށް ހަރުދަނާ ކަމަށް ބެލެވެ އެވެ. އެގޮތުން އިންނަން އެހުމާއި ރަން ކިޔުމާއި ކައިވެނީގެ ރަސްމިއްޔާތުގައި ހިނގާ ކަންތަކަކީ ވަރަށް ފުރިހަމައަށް ރޭވިގެން ހިނގާ ހަރުދަނާ ކަންތައްތަކެކެވެ.

ކައިވެންޏަށް ރަން ކިޔުމާއި ވަލީ ދިނުމާއި ކައިވެނި ކޮށްދިނުމުގެ ހަމަތަކާއި އުސޫލުތަކަށް ބަލާއިރު 400 އަހަރު ވީ އިރު ވެސް އެ އާދަކާދަތަކަކަށް މާބޮޑު ބަދަލެއް އައި ކަމަކަށް ނުފެނެ އެވެ.

ޕިރާޑުގެ ލިއުމުގައިވާ ގޮތުން ދެމީހަކު ކައިވެނިކޮށް ނިމޭއިރު އެ ރަސްމިއްޔާތުގައ ބައިވެރިވި އެންމެނަށް ވަރަށް ރަނގަޅު ޖާފަތެއް ތައްޔާރު ކޮށްފައި އޮންނާނެ އެވެ. އެ ޖާފަތް ތައްޔާރު ކުރާނީ ފިރިހެން މީހާގެ ޚަރަދުގަ އެވެ. އެއަށްފަހު ގިނަ އަދަދެއްގެ ބަޔަކު ދެމަފިރިންނާ ސަލާން ކުރަން ދާނެ އެވެ. އެ ދާ އެންމެނަށް ބިލެއް ދިނުން އޮންނާނެ އެވެ. އެ ބިލެތް ދިނުމަކީ މިހާރުގެ ގޮތުން ނަމަ ކައިވެނި ޕާޓީ ކަމަށް ބެލެވިދާނެ އެވެ.

މާލޭގައި ކުރާ ކައިވެނިތަކުގައި ރަސްގެފާނާއި ބޮޑުންނަށް ވެސް ބިލެތާއި ހަދިޔާ ފޮނުވުން އޮވެ އެވެ. އެހެނަސް ރަސްކަލަކު މީހަކާ ކައިވެނި ބައްލަވައިގެންފި ނަމަ ވެދުން ފޮނުވަން ޖެހޭނީ ރައްޔިތުންނެވެ. ރަސްގެފާނު ކައިވެނިފުޅެއް ބައްލަވައިގެންފި ނަމަ މާލޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން ހަދިޔާ ފޮނުވަން ޖެހެ އެވެ. އެ ހަދިޔާ ދިނުމުގައި ފިރިހެނުންގެ ފަރާތުން ވެދުން ފޮނުވާނީ ރަސްގެފާނަށެވެ. އަންހެނުން ވެދުން ފޮނުވާނީ ރަސްގެފާނުގެ އަނބިކަނބަލުންނަށެވެ. ރާއްޖެތެރޭގެ ރަށްރަށުން ރަށުގެ ރައްޔިތުންގެ ފަރާތުން ވަކީލުން ހަދިޔާ ހިފައިގެން މާލެ އަންނާނެ އެވެ.

ކައިވެންޏާއި ވަރީގެ ވާހަކައިގެ ތެރެއިން ޕިރާޑު އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ އަންހެނުންނަށް ލިބިފައި އޮންނަ މިނިވަންކަމެވެ. ޕިރާޑަކީ ފަރަންސޭސި ވިލާތުގެ މީހަކަށް ވެފައި އެ ޒަމާނުގެ ޔޫރަޕްގައި ކަންތައް އޮތް ގޮތުން ކައިވެންޏާއި ވަރީގެ ކަންތަކުގައި އޮތް ދަތި އުނދަގޫ ހާލަތަކީ ޕިރާޑަށް އެގޮތަށް ވިސްނަން ޖެހުނު ސަބަބެވެ. އެ ޒަމާނުގައި ޔޫރަޕްގެ އަންހެނުންނަށް ކައިވެނި ކުރުމާއި ވަރި ވުމުގައި ވެސް މާބޮޑު މިނިވަން ކަމެއް ނެތެވެ. އެއާ ޚިލާފަށް ދިވެހި މުޖުތަމައު އެ ދުވަސްވަރު ބައްޓަންވެފައި އޮތް މިނިވަންކަމާއި ދެ ޖިންސްގެ ހަމަހަމަ ކަމަކީ މިއަދުގެ ޔޫރަޕްގެ މާހައުލަށް ފެތޭ ފަދަ މިނިވަން ކަމެކެވެ. ދިވެހިން އޭރު އުޅުނީ ޔޫރަޕަށް ވުރެ ކުރީގަ އެވެ.