ރާއްޖޭގެ ތަޚުތުގައި ރެދަލި ކުރައްވަމުން ގެންދެވި ހަތްވަނަ އަލި ރަސްގެފާނު ޝަހީދު ކުރުމަށްފަހު ރާއްޖެއަށް ޕޯޗްގީޒުން ވެރިވެގަތީ މީލާދީން 1558 ވަނަ އަހަރު އެވެ. ޕޯޗްގީޒުން ރާއްޖެ އައީ ގޯއާއަށް ދިޔަ ނުވަވަނަ ހަސަން ރަސްގެފާނަށް ދިވެހި ތަޚުތު އަނބުރާ ހޯދައިދިނުމުގެ ބޭނުމުގަ އެވެ. ރާއްޖެ ފަތަހަ ކުރުމަށްފަހު، ވެރިކަން ކުރީ ހަސަން ރަސްގެފާނުގެ ނަންފުޅުގެ މަތިން އެވެ.
ރާއްޖޭގައި އަނދިރި އަނދިރިންނާއި ވިޔަޒޯރާއި ދެ މީހުންގެ ލީޑަޝިޕްގެ ދަށުން 15 އަހަރަށް ވުރެ ގިނަ ދުވަހު ޕޯޗްގީޒުންގެ ވެރިކަން ދެމި އޮތެވެ. އެ މުއްދަތުގެ ތެރޭގައި ދިވެހި ރައްޔިތުން ތިބީ ދެބަޔަކަށް ބެހިފަ އެވެ. އެއްބަޔަކު ތިބީ ޕޯޗްގީޒުންގެ ވެރިކަމާ ރުހިގެން އެ މީހުންނަށް ކަންކަން ފަސޭހަކޮށް ދިނުމުގަ އެވެ. އަނެއް ބަޔަކު ފާޅުގައި ނޫން ކަމަށް ވިޔަސް ބޭރު ބަޔަކު ރާއްޖެ އަޅުވެތި ކުރުމާ ދެކޮޅެވެ. ކޮންމެ ގޮތަކުން ވެސް ރާއްޖޭގެ މިނިވަންކަމަށް ބޭނުންވެފައި ތިބި މީހުން ގިނަ އެވެ. އެފަދަ މީހުންގެ ތެރެއިން ނިކުންނަވައި ރާއްޖެއަށް މިނިވަންކަން ގެނެސް ދެއްވީ އުތީމު ހުސޭން ޚަތީބު ތަކުރުފާނުގެ ބޭފުޅުންނެވެ. ޚާއްސަކޮށް ޓީމުގެ އިސް ލީޑަރަކަށް ހުންނެވި މުހައްމަދު ތަކުރުފާނެވެ.
މުހައްމަދު ތަކުރުފާނު ރާއްޖެ ޕޯޗްގީޒުންގެ އަތުން ސަލާމަތް ކުރެއްވުމަށް ކުރެއްވީ ބުރަ މަސައްކަތްޕުޅެކެވެ. މުޅި ދުވަހު ކަނޑުމަތީގައި ހޭދަ ކުރެއްވުމަށް ފަހު ރޭގަނޑު ރަށްރަށަށް އަރައިވަޑައިގެން ކުރެއްވި ހަނގުރާމަ އެތައް މަސްތަކަކަށް ދެމިގެން ދިޔަ އެވެ. މުހައްމަދު ތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ހަނގުރާމާގައި އަނދިރި އަނދިރިންނާއި ވިޔަޒޯރު މަރުވެ ޕޯޗްގީޒުންގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް އަ އެވެ. އެއަށްފަހު ގައުމު ހިންގަވަން ހަވާލުވެ ވަދައިގެންނެވީ މުހައްމަދު ތަކުރުފާނެވެ. އެ ތަކުރުފާނާއެކު ވެރިކަން ހިންގެވުމުގައި ހިއްސާދާރެއްގެ ގޮތުން ހުސޭން ތަކުރުފާނު ވެސް ދެމި ހުންނެވި އެވެ.
ދިވެހި ރަސްކަމުގެ ތަޚުތަށް އައްސުލްތާނުލް ޣާޒީ ސިރީ ސަވާދީއްތަ މަހާރަދުންގެ ނަންފުޅުގައި އިސްވެ ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ކަންތައް ހަމަޔަކަށް އަޅުއަވައި، ރަސްކަން ކުރައްވަމުން ގެންދެވިއިރު ޕޯޗްގީޒުންގެ ހަމަލާތައް ދޭތެރެ ދޭތެރެއިން އައީ އަމާޒު ވަމުންނެވެ. އެ ހަމަލާތަކާ ދެކޮޅަށް ނިކުންނަވައި ޕޯޗްގީޒުން ބަލި ކުރެވުނު ކަމަށް ވިޔަސް ރާއްޖޭގެ މާހައުލަށް ހަމަޖެހުމެއް ގެނެވޭ ގޮތެއް ނުވި އެވެ.
އެ ދުވަސްވަރު ރާއްޖޭގައި ކަންތައް ހިނަގައި ދިޔަގޮތުގެ އެންމެ ތަފުސީލް ލިޔުމަކަށް ފެންނަން އޮތް ލިޔުން ކަމަށްވާ ފަރަންސޭސި ލިއުންތެރިޔާ ޕިރާޑް ޑި ލަވާލްގެ ލިއުމުން އެނގޭ ގޮތުގައި ޕޯޗްގީޒުންގެ އުނދަގުލުން ސަލާމަތްވުމަށްޓަކައި މުހަންމަދު ތަކުރުފާނު އަހުދު ނާމާއެއް ނުވަތަ އެއްބަސްވުމެއް ހެއްދެވި އެވެ. ގޯއާގައި އޮތް ޕޯޗްގީޒް ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ޕޯޗްގީޒުންގެ އުނދަގުލުން ސަލާމަތްވެ، ރާއްޖޭގެ އެތެރޭގެ ކަންތައް ހަމަޖެއްސުމަށް ފުރުސަތު ލިބުނެވެ.
ބޮޑު ތަކުރުފާނުގެ ދަރިކަލުން އިބްރާހިމް ކަލާފާނުގެ ވެރިކަމުގައި، ބ. އަތޮޅު ގޮއިދޫ ކައިރިއަށް އުރުނު ފަރަންސޭސި ނަވަކުން ރާއްޖެ އައި ޕިރާޑު ލިޔެފައިވާ ގޮތުގައި ބޮޑު ތަކުރުފާނު ޕޯޗްގީޒު ސަރުކާރާ އެކު ވެވަޑައިގެންނެވި އެއްބަސްވުމުގައި ކޮއްޗޭގައި ހުރި ނުވަވަނަ ހަސަން ރަސްގެފާނަށް (ކްރިސްޓިއަން ރަސްގެފާނު) ދިވެހި ދައުލަތުގެ އާމްދަނީގެ ތިން ބައިކުޅަ އެއްބައި ދޭ ގޮތަށް ހަމަޖެހުނެވެ. އެކަންތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުމަށް އެ ރަސްގެފާނުގެ އެޖެންޓެއް ދިވެހި ރާއްޖޭގައި ހުރުމަށް ވެސް އެއްބަސްވެފައި ވެ އެވެ. ހަސަން ރަސްގެފާނަށް ރާއްޖެއިން ފޮނުވާ ބޮއްޔާއި ރޯނުގެ ތިން ބައިކުޅަ އެއްބައި ލިބެން ޖެހެނީ ޕޯޗްގީޒު ރަސްގެފާނަށެވެ. އަނެއް ދެބައި ހަސަން ރަސްގެފާނާއި އެ ރަސްގެފާނަށްފަހު އާއިލާއަށް ދޭން ވެސް އެއްބަސްވުމުގައި އޮތް ކަމަށް ޕިރާޑު ލިޔެފައި ވެ އެވެ.
ދިވެހިންނާއި ޕޯޗްގީޒުނާ ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރު ކުރާ މީހުންނަށް ޕޯޗްގީޒު ޕާސްޕޯޓު ލިބެ އެވެ. އެއީ ދިވެހިންނަށް ދެވޭ ހިމާޔަތެއްގެ ގޮތުން ކަމަށް ބެލެވެ އެވެ.
ޕޯޗްގީޒުންނާ އެކު ކުރެވުނު އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ޕިރާޑް ބަޔާން ކޮށްފައިވާ ގޮތުގައި ދިވެހި ރާއްޖޭގެ ރަސްގެފާނަށް ރަސްކަލެއްގެ ގޮތުގައި މުޚާތަބު ކުރުމުގެ ހައްގެއް ނޯންނާނެ އެވެ. އޭގެ ބަދަލުގައި އެ ރަސްކަލުންނަށް މުޚާތަބު ކުރެވެން ވާނީ ކިލެގެ ބޭކަލުންގެ ފެންވަރުގަ އެވެ.
ޕިރާޑުގެ ލިޔުމުގައިވާ އަހުދު ނާމާގެ ވާހަކަތަކުގައި ހަގީގަތް އޮތީ ކިހާ މިންވަރަކަށް ކަން ޔަގީން ނުވި ކަމަށް ވިޔަސް އުތީމު މުހައްމަދު ތަކުރުފާނުގެ ވެރިކަމުގައި ޕޯޗްގީޒުންނާ ދިވެހިންނާ ހިނގަމުން އައި ކުރިމަތިލުންތައް ހުއްޓާލުމަށް އެއްބަސްވުމެއް ހެދުނު ކަން އެނގެ އެވެ. ނަތީޖާއެއްގެ ގޮތުން ޕޯޗްގީޒުންގެ އުނދަގުލުން ރާއްޖެ ސަލާމަތްވި އެވެ.
ސޯނޫ ނުރައްކާތެރި ނާރުގެ ބައްޔަކާ ހަނގުރާމަ ކުރަނީ!
މޮޑެލް އީމާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް!