ބައެއް މީހުންނަށް ނިއު ނޯމަލް ފަސޭހަ ވެދާނެ އެވެ. ބައެއް މީހުންނަށް "ހެސްކިޔާފަ" އުނދަގޫ ވެސް ވެދާނެ އެވެ. މީގައި އޮތީ އެ މީހަކު މި ހާލަތަށް އަމިއްލަ އަށް ފިޓުވި ވަރެކެވެ. އެހެން ނަމަވެސް މާސްކެއް އަޅައިގެންނެވެ.

ރާއްޖޭގައި ވެސް މިވަނީ މާސްކު އެޅުން މަޖުބޫރު ކަމަކަށް ހަދާފަ އެވެ. މާސްކު ނާޅާ އުޅޭ ނަމަ ޖޫރިމަނާ ވެސް ކުރަނީ އެވެ. މާސްކު އެޅުމުގެ ސަބަބުން ތިމާ އާއި އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށް އެހީވެދެ އެވެ. ނަމަވެސް މާސްކު އެޅުމުން އޭގެ "ސައިޑް އިފެކްޓްސް" މޫނުގެ ހަންގަނޑަށް ކުރެ އެވެ. އޭގެ ތެރޭގައި މޫނުން ބިހި ނެގުމާއި ފިތްތައް ނެގުން ފަދަ ހާލަތްތައް މެދުވެރިވެ އެވެ.

މިކަމާއި ގުޅޭ ގޮތުން ކޮސްމެޓިކްސް ސާޖަން އެއް ކަމަށްވާ ޑރ. ގީތާ ގްރެވަލް ވިދާޅުވި ގޮތުގައި މޫނުގައި ހޭކޭވަރުގެ ބާރު މާސްކެއް އަޅައިގެން ހުރުމުން ނޭވާ ލާއިރު އެ ހުންނަ ތެތް ކަމާއި މޫނުން ހިއްލާ ދާ މާސްކުގެ އެތެރޭގައި ހިފެހެއްޓިފައި ހުންނަ ކަމަށާއި، މިއީ ބިހި ނެގުމަށް މަގުފަހިކުރުވާ ބެކްޓީރިއާ އާލާވުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

"ޕެންޑެމިކްގެ ކަންބޮޑުވުންތަކާއި މާސްކު އަޅައިގެން ހުރުމުން ވާ އުނދަގޫތަކުގެ ސަބަބުން މޫނުގައި ބިހި ނެގުން އިތުރުވެގެން ދޭ. އަދި މޫނުގައި ބެކްޓީރިއަލް އިންބެލެންސްގެ ސަބަބުން ބިހި ނަގާ މޫނު ރަތްވުމުގެ އިތުރަށް ޕެރިއޯރަލް ޑާމަޓައިސިސް ކިޔާ ހާލަތެއް މެދުވެރިވޭ. މީގެ ސަބަބުން ނޭފަތާއި އަނގަ ކައިރީގައި ގިނަ އަދަދަކަށް ބިހި ނަގާގޮތްވޭ،" ޑރ. ގީތާ ވިދާޅުވި އެވެ.

ޑޮކްޓަރ ވަނީ މާސްކު އެޅުމުގެ ސަބަބުން މޫނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ބައެއް ކަންތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި:

-އަބަދުވެސް މަޑު ފޮތީގެ މާސްކެއް އެޅުން. އަދި ބާރުވެގެން މޫނުގައި ޖެހޭ ކަހަލަ މާސްކު ނޭޅުން

-ގިނަ ވަގުތު ވަންދެން މާސްކު އަޅައިގެން ހުންނަން ޖެހޭ ނަމަ އެޒެލެއިން އެސިޑް ހުންނަ މޮއިސްޗަރައިޒާއެއް ބޭނުންކުރުން، ނުވަތަ ސެލިސިލިކް އެސިޑް ނުވަތަ ގްލައިކޮލިކް އެސިޑް ހުންނަ މޮއިސްޗަރައިޒާ އެއްވެސް ބޭނުންކުރެވިދާނެ

-މާސްކު އަޅައިގެން ހުންނަ އިރު މޫނު ދޮވެވޭނެ ގޮރެއް ނެތްނަމަ ދޭތެރެ ދޭތެރެއިން ޓިޝޫއެއް ބޭނުންކޮށްގެން މޫނު ފޮހެލުން

-އަތް ނުދޮވެ މޫނުގައި އަތް ނުލުން، އިސްތަށިގަނޑު މޫނުގައި ޖެހޭގޮތަށް ނުބޭއްވުން، މޫނުގައި ހުންނަ ބިހި ކޮއްޓާ ނުހެދުން

-ހަނޑޫ ފުށާއި އެލޮވެރާ ޖެލް ބޭނުންކޮށްގެން މޫނު އެކްފޯލިއޭޓް ކޮށްލުން

-ހެނދުނާއި ހަވީރު މޫނުގައި ކިއުކަމްބާ އެކްސްޓްރެކްޓް ބޭނުންކުރުން. (ކިއުކަމްބާ އަކީ އެންޓި-އިންފްލެމޭޓަރީ ބާރު ހުންނަ އަދި މޫނުގައި ބިހި ނެގުމުން ދުރުކޮށްދޭ އެއްޗެއް)

-ސިއްހަތަށް ރަނގަޅު ކާނާ ކެއުން، ކާބް މަދުކޮށްލާފައި ފެހި ތަރުކާރީ، ސްޕިނެޗް އަދި ލެމަން ޖިންޖާ ޖޫސް ބުއިން. (ލެމަން ޖިންޖާ ޖޫހަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދޭނެ އެހީވެދޭ އެއްޗެއް)

-މާ ބޮޑަށް މޫނު ރަތްވާ ނަމަ ޑޮކްޓަރަށް ދެއްކުން. އަދި މޫނުގައި އެއްވެސް އެއްޗެއް އުނގުޅުމުގެ ކުރިން 'ޕެޗް ޓެސްޓެ' ކޮށް އެއްވެސް އެލާޖީއެއް ހުރިތޯ ބެލުން